ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ގާނޫނޫ ހިލާފު ނިންމުންތައް ނިންމުމުގެ ބާރު ލިބިގެން ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެއްޖެ އެވެ.
މިވަގުތު ލަންކާގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ގާނޫނު އަސާސީއާ ހިލާފް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަކީ ރައްޔިތުންނާ ދެކޮޅަށް ވެވޭ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަމާޒުކުރައްވާ ރައީސް ނަޝީދު މިފަދަ ޓްވީޓެއް ކުރެއްވި ސަބަބެއް އެމަނިކުފާނު ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.
ރައީސް ނަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ބަންޑާރަނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކާއި ގުޅިގެން ބަންޑާރަނައިބަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާ ވަގުތެއްގަ އެވެ.
ބަންޑާރަނައިބް އިއްޔެ ކޯޓުގައި އެދިވަޑައިގަތީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލިސް މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން ތިއްބަވާއިރު ދުސްތޫރީ މިމައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ތިއްބަވާ ބެންޗަކުންނެވެ. ކޯޓް ތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)އާއި (ށ)އާއި ހަވާލާދީ ބައެއް ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެއީ ކޯޓު ތަކާ ބެހޭ ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުން ކުރައްވާ ކަމެއް ކަމަށެވެ.
ކޯޓް ތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ މިމާއްދާގެ (ހ)ގައި ބަޔާންކުރާ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުން ބަލާ ނިންމަންވާނީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން އެ މަޖިލީހުގައި އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިބެގެން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ނުނިންމެވޭނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ