އެމްޑީޕީގެ ހިޔަނި މިނިސްޓަރު ޝެހެނާޒް އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވައި، ޕާޓީން ވަކިވެ ވަޑައިގެންފި

އެމްޑީޕީގެ މަތީ ތައުލީމާއި ވަޒީފާ އާއި ޒުވާނުންނާ ބެހޭ ހިޔަނި މިނިސްޓަރު ޝެހެނާޒް އަބްދުﷲ، މަގާމުން އިސްތިއުފާ ދެއްވައި، ޕާޓީން ވަކިވެ ވަޑައިގެންފި އެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ އެކުލަވާލެއްވި ހިޔަނި ކެބިނެޓުން އިސްތިއުފާ ދެއްވައި، އަދި ހިޔަނި ކެބިނެޓުގެ ބޭފުޅުންގެ ތެރެއިން އެމްޑީޕީން ވަކިވެ ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެ ޕާޓީގެ ހިޔަނި ކެބިނެޓަށް އައްޔަން ކުރެއްވި ޝެހެނާޒް އަބްދުﷲ ޕާޓީން ވަކިވެ ވަޑައިގެންނެވީ އަންހެނުންގެ ހައްގުތަކަށް އެކަށީގެންވާ ގޮތެއްގައި އެމްޑީޕީން މަސައްކަތް ކުރާ ކަމަށް އޭނާއަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އެމްޑީޕީއަކުން ނުދެ އެވެ.
މއ. ރަފީގުގޭ ޝެހެނާޒް އަބްދުﷲ އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގައި އެމްޑީޕީން ހިންގަން އުޅުނު ހަރަކާތާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ބޭފުޅެކެވެ. އޭނާ ހައްޔަރު ކުރެއްވީ އެމްޑީޕީގެ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމެއްގައި އެއްވުން ރޫޅާލަން މަސައްކަތްކުރި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާ ވަނީ އެ ފަހަރު ހައްޔަރުކުރުމުން ކ. ދޫނިދޫގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ