ގާނޫނީ އިމުގެ ބޭރުން އަބްދުﷲ ގާޒީ ސަސްޕެންޑްކުރަން ގޮވާލުން ގަބޫލެއް ނުކުރެވޭ: ޔާމީން

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ޔާމީން ވިދާޅުވީ، އަބްދުﷲ ގާޒީއާ ބެހޭ ގޮތުން ހުރި މައްސަލަތައް ބެލުމާ އެ ޕާޓީން ދެކޮޅު ނަހަދާ ކަމަށާއި އެކަމަކު އެކަންކަން ކުރިއަށް ގެންދަންޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. "ކޯޓަކީ މުޅިން މިނިވަން ދައުލަތުގެ ބާރެއް. އެހެންވީމަ ކޯޓުގެ ކަންތައްތައް ހިނގާނީ ފަނޑިޔާރުންނާ ބެހޭ ގާނޫނާ އެއްގޮތަށް. ކޯޓުތަކާ ބެހޭ ގޮތުން ހުންނަ ކަންތައްތަކާ ބެހޭ އިޖުރާއަތެއް ކަނޑައެޅިފައި އެބަހުރި. ގާނޫނުތަކެއް ކަނޑައެޅިފައި އެބަހުރި. އޭގެ ބޭރަކުންނެއް ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަގުތީ ގޮތުން ސަސްޕެންޑް ކުރާހެންނެއް ފަނޑިޔާރުން މި ގޮތަށް ސަސްޕެންޑް ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ޕީޕީއެމްއަކުން ގަބޫލެއް ނުކުރަން. ގާނޫނުތަކުގެ ހަމަތަކުގެ މަތިން ގާނޫނު ހިންގަންވާނީ،" ޔާމީން ވިދާޅުވި އެވެ. ޑރ. ވަހީދުގެ ވާހަކަފުޅަށް ޔާމީން ފާޑުވިދާޅުވިއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. ތަސްމީން އިއްޔެ ވިދާޅުވެފައި ވަނީ، ޑރ. ވަހީދު ވާހަކަފުޅު ދެއްކެވީ "އަނިޔާ ލިބުނު ފަރާތް [އަބްދުﷲ ގާޒީ] ހިތްދަތިވާ ގޮތަށް ކަމަށާއި އަނިޔާކުރި ފަރާތަށް ހިތްވަރު ލިބޭ ގޮތަށް" ކަމަށެވެ.އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ މައްސަލާގައި ޔާމީން މިއަދު ވިދާޅުވީ، ގާނޫނީ އިމުގެ ބޭރުން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން ގޮސް އަބްދުﷲ ގާޒީ ހައްޔަރުކުރި ކުރުން އެންމެ ހަރުކަށިކޮށް ޕީޕީއެމުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އެއްވެސް ގާނޫނަކުން ސިފައިންނަށް ޖާގަލިބޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަދި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނަށް ބެލިކަމުގައި ވިޔަސް އަދި އެހެން ކަންކަމަށް ބެލި ކަމަށްވީ ނަމަވެސް މިކަހަލަ އެންފޯސްޑް ޑިސްއެޕިއަރެންސެއް ނޫނިއްޔާ މަޖުބޫރުކޮށްގެން މީހާ ގެއްލޭ ގެއްލުމެއް، ރަހީނުކުރުމެއް، މިއީކީ ދުނިޔޭގެ އެއްވެސް ތަނެއްގައި، ތަހުޒީބީ އެއްވެސް މުޖުތަމައެއްގައި ޖާގަދޭ ކަމެއް ނޫން. އެހެންވީމަ ދިވެހިރާއްޖޭގައި ކޮށްގެން އެ އުޅެނީ ވަރަށް ބޮޑު ކުށެއް،" ޔާމީން ވިދާޅުވި އެވެ. "ދެން އެކަންކަން ރަނގަޅުކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ކަންކަމަކީ ނުކުރާ ކަމަކަށް ނުވާނެ." އަބްދުﷲ ގާޒީ "ގެއްލުވާލި" މައްސަލަ ވަކީލުންތަކެއް އިސްނަގައިގެން މިހާރު ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ