ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތު ކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ހެކި ނެތިގެން ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރުމާ ގުޅިގެން، ފްރީޒްކޮށްފައިވާ އޭނާގެ ބޭންކު އެކައުންޓްތައް ދޫކޮށްލަން ޖިނާއީ ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅަން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާދަމް ނަސީރުގެ ބޭންކު އެކައުންޓްތައް ފްރީޒްކުރަން ކޯޓުން ކުރި އަމުރު ޕީޖީ އޮފީހާ ގުޅިގެން އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅަން މަސައްކަތްކުރަނީ، ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފުކުރުމަށް ނިންމާފައިވާތީ، އެ މައްސަލަ އޭނާ ދެކޮޅަށް ނިމިއްޖެ ނަމަ އަލުން އަނބުރާ އެ ފައިސާ ހޯދުމަކީ ދަތި ކަމަށް ވެދާނެތީ ކަމަށެވެ.
"އެ އަމުރު ވެސް އިސްތިއުނާފުކޮށް ދިނުމަށް އެދި ހުށަހެޅުމަށް ޕީޖީ އޮފީހާ މަޝްވަރާ ކުރަމުންދަނީ،" އޭނާ ވިދާޅުވި އެވެ.
ޖިނާއީ ކޯޓުން ބުރާސްފަތި ދުވަހު ވަނީ، ފްރީޒްކޮށްފައިވާ އާދަމް ނަސީރުގެ ބޭންކް އެކައުންޓްތައް ދޫކޮށްލަން ފުލުހުންގެ އިތުރުން ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ކޯޓު އަމުރެއް ނެރެފަ އެވެ. ނަމަވެސް އެއީ ކޮން ބޭންކުތަކެއްގައި ހުރި ކިތައް އެކައުންޓް ކަމެއް ޖިނާއީ ކޯޓުގެ އޮފިޝަލް ވިދާޅެއްނުވެ އެވެ.
ޖިނާއީ ކޯޓުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަވަމުން ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވެފައި ވަނީ، ސ. ހިތަދޫގައި އާދަމް ނަސީރު ދިރިއުޅޭ ލައިޓް ޝެޑޯ ގެއިން ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަން ސާބިތުވާ ވަރުގެ ކާފީ ހެކި ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން އޭނާގެ މައްޗަށް ކުރި، ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށާއި ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނަކަށް މެނުވީ ބޭހުގެ ގޮތުގައި ބޭނުން ނުކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ލައިޓް ޝެޑޯ ގެއިންނާއި އޭނާ މާލޭގައި ދިރިއުޅޭ ހ. ރީނދޫ ގެއިން ފެނުނު ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އާދަމް ނަސީރުގެ އަތުންނާއި އޭނާ ސ. ހިތަދޫ އަދި މާލޭގައި ދިރިއުޅޭ ގެއިންނާއި އޭނާގެ އަންހެނުން އަތުން ފުލުހުން ވަނީ 5.5 މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފަ އެވެ.
އާދަމް ނަސީރުގެ ބޭންކު އެކައުންޓްތައް ދޫކޮށްލަން ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ފުލުހުން ޕީޖީ އާ މަޝްވަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ