އަދާލަތު ޕާޓީގެ ޕްރައިމަރީ ހަމައެކަނި އިނގުރައިދޫ ދާއިރާއަށް!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަދާލަތު ޕާޓީން ޕްރައިމަރީ ބާއްވާނީ ހަމައެކަނި އިނގުރައިދޫ ދާއިރާއަށް ކަމަށް ނިންމައިފިއެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވީނިއުސްއަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބާއްވާނީ އެންމެ ދާއިރާއަކުން ކަމަށެވެ. އެއީ އިނގުރައިދޫ ދާއިރާ ކަމަށެވެ.
ނަޒީރު ވިދާޅުވީ ޕްރައިމަރީ ބޭއްވުމާމެދު ގޮތް ނިންމީ ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަށެވެ. އިނގުރައިދޫ ދާއިރާއަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީ ޕްރައިމަރީއެއް ބާއްވައިގެން ކެންޑިޑޭޓަކު ކަނޑައެޅުމަށް މަޝްވަރާ މަޖިލީހުން ނިންމީ ކަމަށެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމާ އެއްގޮތަށް ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީން މިހާރު ވަނީ ފަށާފައެވެ. މިގޮތުން އަންނަ ހުކުރު ދުވަހު ޕްރައިމަރީ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދާލަތު ޕާޓީން ބުނީ އިނގުރައިދޫ ދާއިރާގެ އިތުރަށް މާލޭގައިވެސް މިޕްރައިމަރީގެ ވޯޓުލުން އޮންނާނެ ކަމަށެވެ.
އަދާލަތު ޕާޓީން މިފަހަރު މަޖިލީހަށް ވާދަކުރަން ނިންމާފައިވަނީ ޖުމްލަ 13 ދާއިރާއަކުންނެވެ. އެއީ އިނގުރައިދޫ ދާއިރާގެ އިތުރަށް ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ހަނިމާދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ އަދި މާފަންނު ދެކުނު ދާއިރާއެވެ. އިނގުރައިދޫ ދާއިރާ ފިޔަވައި އެހެން ދާއިރާއަކުން ޕްރައިމަރީ ނުބޭއްވުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރަށް މިހާރުވެސް މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލުކުރަމުންދާ މަކުނުދޫ ދާއިރާއަށް އެދާއިރާގެ މެމްބަރު އަނާރާ ނައީމަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ