ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ އެކްސްޓާނަލް އޮޑިޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ އެޗްޑީސީން އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ގިނަ ޕްރޮޖެކްޓަތައް ފަށާފައިވަނީ އެއްވެސް ބެލުމެއް ނެތި ކަމަށެވެ.
"ކުއްލިއަކަށް އިންތިހާބާ ދިމާކޮށް ބްރިޖާއި ގުޅިގެން އައި ހައިވޭ އާއި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ "ހިޔާ" މަޝްރޫއަށް ވެސް ކުންފުނީގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ ބޭންކް ފައިނޭންސް ހަމަނުޖެހެނީސް އެޗްޑީސީގެ ކޭޝް ފްލޯއިން އަމިއްލައަށް ހަރަދުކޮށްގެން" އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމިޓީގައި ވިދާޅުވިއެވެ.
މީގެ އިތުރުން ކުންފުނީގެ ކޭޝްފުލޯ ހަމަޖެއްސުމަށް ކަމަށް ބުނެ ބިން ވިއްކަން ނިންމި ނަމަވެސް، އެއީ އެޗްޑީސީގެ މާސްޓާ ޕްލޭންގައި އޮތް ގޮތެއް ނޫން ކަމަށާއި، ބިން ވިއްކި ނަމަވެސް އެތަނުގެ ކޭޝް ފުލޯއަށް ހައްލެއް ނާންނާނެކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
"ހަތްހާސް ހައުސިންގ ޔުނިޓު އެ ލޯން ސްޓާރޓްވެގެން ލޯން ހޯދައިގެން 300 މިލިއަން ޑޮލަރުގެ ލޯނުން މަސައްކަތް ފަށާފައި އެތަން އަދި ނުދެވެނީސް އޭގެ ލޯން ރީޕޭމަންޓުވެސް ސްޓާޓް ކުރީ. އެހެންވީމަ މިއީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު މާލީ ނިކަމެތި ކަމެއް. ދެން ސުވާލަކީ އެ ކުންފުންޏަށް، އެ މެނޭޖުމަންޓަށް އެތަން ނުފެނޭތޯ. މި ފައިސާގެ ޑިފިކަލްޓީ އަންނާނެތޯ ނުވަތަ ނާންނާނެތޯ މިތަން އެބޭފުޅުންނަށް ނުފެންނަނީ ކީއްވެގެންތޯ" އޮޑިޓަރ ޖެނެރަލް ޒިޔަތު ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްޑީސީ އަކީ ދައުލަތަށް އެއްމެ ގިނަ އާމްދަނީ ލިބުނު ކުންފުނި ކަމަށާއި، ކުންްފުނީގެ މާލީ ހާލަތު ދަށްވެ ކޭޝް ފުލޯ ދައްވަމުން ދިޔައިރު، އެތަނުގެ ބޯޑު މެންބަރުންނަށް އެ މަންޒަރު ނުފެނޭތޯ އޮޑިޓާ ޖެނެރަލް ސުވާލު އުފެއްދެވިއެވެ. އަދި އެކަމާ ގުޅިގެން ބޯޑުން އެއްވެސް ފިޔަވަޅެއް ނާޅާކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ ނިންމުންތައް އެޗްޑީސީން ލޯ މަރާލާފައި ކުރިއަށް ގެންދިޔަކަން އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
އިންތިހާބަށް އެޗްްޑީސީން ނަހަމަ ގޮތުގައި ކުންފުނީގެ ފައިސާ ބޭނުންކުރި: އޮޑިޓާ ޖެނެރަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ