ބައި އިލެކްޝަނާ މެދު ރައްޔިތުން ފުންކޮށް ވިސްނުމަށް ސައުދުﷲ ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަނެއް ވާނީ ޣައިރުގާނޫނީ އިންތިޚާބަަކަށް ކަމަށް ވިދާޅުވެ، ވޯޓުގައި ބައިވެރިވުމުގެ ކުރިން ރައްޔިތުން ފުންކޮށް ވިސްނުމަށް އެދާއިރާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސައުދުﷲ ހިލްމީ ގޮވާލައްވައިފިއެވެ.
ސައުދުﷲ ތިނަދޫ ރައްޔިތުންނަށް ފޮނުއްވި އާންމު ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާނީ ގާނޫނުއަސާސީއާއި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތަށް، ރައްޔިތުންނާއި ގައުމަށް ފައިދާވާނެ ގޮތަށް ކަމާއި، އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއް ކުރާނަމަ އެކަމަށް އެއްބާރުލުން ނުދެއްވާނެ ކަމާއި، އެކަމެއް ހުއްޓުވުމުގެ ގޮތުން ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމުގެ އިތުބާރާއި ޔަގީންކަން ކެމްޕޭން ދުވަސްވަރު 2014ގައި ތިނަދޫ ރައްޔިތުންނަށް ދެއްވާފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް ހުންނެވީ އެގޮތުގައި ކަމަށެވެ.
މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށް ވެފައި، 2014 ވަނަ އަހަރުގެ މާޗު 22 ގައި ޕީޕިއެމްއާއި ސަރުކާރު އޮތްގޮތާއި، 2017 ވަނަ އަހަރުގެ ޖުލައި 10ގައި ޕީޕީއެމްއާއި ސަރުކާރު އޮތްގޮތުގެ ތަފާތު ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
"2014 ވަނަ އަހަރު އަޅުގަނޑަށް ކެމްޕޭން ކޮށްދެއްވުމަށް އެކި ފަހަރުމަތިން ތިނަދޫއަށް ވަޑައިގެންނެވި އެއިރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި، އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، އެއިރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި، އެއިރުގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި، ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރު އަބްދުﷲ އަމީން ކަމާއި، އެބޭފުޅުން ކެމްޕޭން ބައްދަލުވުންތަކުގައި ދެއްކެވި ވާހަކަތަކާއި އެބޭފުޅުން މިހާރުވީ ކޮންތާކުކަން ތިޔަ ބޭފުޅުންނަށް ދަންނަވާކަށް ނެތީމެވެ" ސައުދުﷲ ގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
2014ގައި މަޖިލީސް އިންތިޚާބު ބޭއްވުނުއިރު ތިނަދޫ އުތުރު ދާއިރާގައި ޕީޕީއެމް މެމްބަރުންގެ ގޮތުގައި ތިބޭނީ ގިނަވެގެން 300 މެމްބަރުން ކަމާއި، އެވޯޓުގައި އޭނައަށް ލިބުނު 1024 ވޯޓުގެ ތެރެއިން ގިނަ ވޯޓަކީ ޕީޕީއެމް މެމްބަރުންގެ ވޯޓު ނޫންކަން އޭނަ ފާހަގަކުރައްވާފައިވެއެވެ. ސައުދުﷲ ވިދާޅުވީ އޭރު ތިނަދޫގައި ތިބި ޕީޕީއެމްގެ 90 ޕަސެންޓަށްވުރެ ގިނަ މެމްބަރުންނަކީ ރައީސް މައުމޫނަށް ތާއީދުކުރާ މީހުން ކަމަށެވެ.
ސައުދުﷲ ވިދާޅުވީ ޖުލައި 10 ވަނަ ދުވަހު ޕީޕީއެމުން ވަކިވުމަށް އެދި ޕީޕީއެމް އޮފީހަށާއި އިލެކްޝަންސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވައި އަދި އިލެކްޝަންސްގެ ޕާޓީ ދަފުތަރުން ވަކިކުރުމަށް އެދޭ ފޯމު އިލެކްޝަނަށް 11 ޖުލައިގައި ހުށަހެޅުއްވީ މިނިވަންކަމާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ދޮރު ބަންދުވެދާނެކަމުގެ އިޝާރާތް ލިބިފައި ވަނިކޮށް ކަމަށެވެ. ނަމަވެސް މިއީ އޭނައަށް ވޯޓު ދިން ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ތިނަދޫ އުތުރު ދާއިރާއަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އޭނަގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ އެހެން މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭކަން ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ގާނޫނާއި ސުޕްރީމް ކޯޓުގެ އަމުރުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނަވާނެކަމުގެ ޔަގީންކަން ސައުދުﷲ ވަނީ އަރުވާފައެވެ. އަދި ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ތިނަދޫ އުތުރު ދާއިރާގައި ބައި އިލެކްޝަނެއް ބޭއްވިޔަސް ވާނީ ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފު އިންތިޚާބަކަށް ކަމަށެވެ. މިފަދަ އިންތިޚާބެއްގައި ރައްޔިތުން ބައިވެރިވުމުގެ ކުރިން ފުންކޮށް ވިސްނައި ގާނޫނުއަސާސީގައިވާ ކަމާބެހޭ ފަރާތްތަކުން ސައްހަ މައުލޫމާތު ހޯދުމަށް ސައުދުﷲ ވަނީ އޭނަގެ ދާއިރާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ތިން ދުވަސް ކުރިން ޕީޕީއެމުން ވަކިވުމަށް ކަމާބެހޭ ފަރާތްތަކަށް ސައުދުﷲ ހުށަހަޅުއްވާފައި ވީނަމަވެސް، އޭނަގެ މައްސަލައެއް ބަލަމުންދާތީ ޕާޓީން ވަކިކުރެވެން ނެތް ކަމަށްބުނުމަށްފަހު، އޭނަ ޕާޓީން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނީ ޕާޓީން ވަކިވުމަށް ހުށަހެޅުއްވިތާ ގާތްގަނޑަކަށް ހަތަރުމަސްފަހުން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މިގޮތަށް ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ޕާޓީން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނާ ޖުމްލަ 10 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށާއި ޕާޓީން ވަކިވުމަށް ހުށަހަޅާ ހިސާބުން އޮންނާނީ ޕާޓީން ވަކިވެފައި ކަމަށް ގާނޫނީ ވަކީލުންނާއި އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ދަށުން އިންތިޚާބުކުރެވުނު ޕާޓީގެ ރައީސް މައުމޫން ވެސް ވިދާޅުވެފައި ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މެމްބަރުކަމާއިމެދު ޚިލާފެއް އުފެދިއްޖެނަމަ ފަހުބަސް ބުނަންޖެހޭ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ނަމަވެސް ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މިހާތަނަށްވެސް ސާފު ޖަވާބެއް ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ