ޝަރުތުތަކަކާއެކު ޖޭޕީގެ ލީޑަރު ގާސިމް މިނިވަންކޮށްފި

ޝަރުތުތަކެއް ކުރިމަތިކުރުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިނިވަންކޮށްފި އެވެ.
ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ކޯޓުން ކުރިމަތި ކޮށްފައިވާ ޝަތުރުތަކުގެ ތެރޭގައި، ތަހްގީގަށް އެއްބާރުލުން ދިނުމާއި، ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަށް ނުދިއުމަށާއި، މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުދޭއްވުމަށާއި، މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުމާއި، މުޖުތަމައު ތެރޭގައި ފިތުނަ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުމާއި، މުޖުތަމައު ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހިމްގެ ގޮވަތި ގެދޮރު ބޭނުން ނުކުރެއްވުމަށާއި، އެފަދަ ކަންކަން ކުރުމަށް އެހެން މީސްމީހުންނަށް އެތަންތަން ނުދިނުމާއި، ދައުލަތުގެ ތިންބާރާއި، ތިންބާރުގެ ވެރިންނާއި ބެހޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭފަދަ ވާހަކަތައް ނުދެއްކުން ހިމެނެއެވެ.
މިއިން ޝަރުތަކާ ޚިލާފް ވެއްޖެނަމަ ބަންދުކުރެވޭނޭ ކަމަށްވެސް ކޯޓުން ގާސިމް އިބްރާހިމް ލައްވައި ސޮއި ކުރުވި އިގްރާރުގައި ވެއެވެ.
މިނިވަން ވުމާއެކު ގާސިމް އިބްރާހިމް މިހާރުވަނީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، މާފަންނުވިލާއަށް ވަޑައިގެންފައެވެ. އެމަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ އެތައްބަޔަކު އެގޭގެ ދޮށަށް ޖަމާވެފައިވެސް ވެއެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުންކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 އެހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ. މިމައްސަލާގައި ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ޖެހީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
ގާސިމްގެ ފަރާތުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މިމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މިމަހުގެ ދެވަަނަ ދުވަހު ހައިކޯޓުން ވަނީ ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހި މައްސަލައަށް ތާއީދުކޮށްފަ އެވެ. އަދި އޭގެ ފަހުން މިމަހުގެ ފަސްވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ގާސިމް އިބްރާހީމްގެ ބަންދަށް އިތުރު ހަތަރު ދުވަސް ދީފަ އެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން މިއަދު އެމަނިކުފާނު ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު އެވެ.
ގާސިމް އިބްރާހީމް މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ކުއްލި ގޮތަކަށް ހައްޔަރުކުރީ ގާސިމްގެ މައްޗަށް ތުހުމަތުތަކެއްކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިދިޔަ މަހުގެ 13 ވަނަ ދުވަހު ފަށާފައިވަނިކޮށެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ހުރިހާ ދައުވާއަކަށް ވެސް ގާސިމް އިބްރާހީމް ވަނީ އިންކާރުކުރައްވާފަ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ