ނޮޅިވަރަމް ދާއިރާ އަށް އަދާލަތު ޕާޓީގެ ޓިކެޓް މަދަނީ އަބްދުﷲ އަށް ދީފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ނޮޅިވަރަމު ދާއިރާ އަށް ވާދަކުރުމުގެ ޓިކެޓް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދަށް ދިނުމަށް އެ ޕާޓީން ނިންމައިފި އެވެ. އަދާލަތު ޕާޓީން ބުނީ އޭނާ އަށް އެ ދާއިރާގެ ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަށެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މަޝްވަރާ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެންނެވި 24 ބޭފުޅުންގެ ތެރެއިން 21 ބޭފުޅަކު އޭނާ އަށް ޓިކެޓް ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައިވާ ކަމަށް އަދާލަތުން ބުންޏެވެ. އަބްދުﷲ މުހައްމަދަށް އަދާލަތު ޕާޓީން ޓިކެޓް ދީފައިވާ އިރު މިދިޔަ ހަފުތާ ތެރޭގައި އޭނާ ވަނީ އެ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ. ނޮޅިވަރަމުގެ އިތުރުން ވެސް ފަސް ދާއިރާއަކަށް އަދާލަތު ޕާޓީން ވާދަކުރާ ކެންޑިޑޭޓުން ވަނީ އިއުލާންކޮށްފަ އެވެ. އެ ފަސް ދާއިރާގެ ޓިކެޓް ވެސް ކެންޑިޑޭޓުންނަށް ދީފައިވަނީ ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ. އަދާލަތު ޕާޓީން މަކުނުދޫ ދާއިރާ އަށް ވާދަކުރައްވާނީ ދީނީ އިލްމުވެރިޔާ އަނާރާ ނައީމެވެ. ވައިކަރަދޫ ދާއިރާ އަށް އައިޝަތު ޚަލީލާ ވާދަކުރައްވާ އިރު ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވަނީ ޕޮލިޓިކަލް ސައެންސްގެ ރޮނގުން ކިޔަވާ ވިދާޅުވަމުން އަންނަ ދަފްތަރު، އަހުމަދު ޒާހިރެވެ. ކާށިދޫ ދާއިރާ އަށް ވާދަކުރައްވަނީ އަދާލަތު ޕާޓީގެ މުޝީރުކަން ކުރައްވާފައިވާ އަސަދުﷲ ޝާފީ އެވެ. މީދޫ ދާއިރާގެ ޓިކެޓް ދީފައިވަނީ ސ. މީދޫ، ރިވެލި، ހިޝާމް އަހުމަދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ