އަޅުގަނޑާއި ރައީސް ޔާމީނާ ދޭތެރޭ ހިޔާލުތަފާތުވުމެއް ނެތް: މައުމޫން

ޕީޕީއެމްގެ މަސްލަހަތު ނަގާލަން ބަޔަކު ވާހަކަ ދެއްކި ނަމަވެސް ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނާ ދެމެދު އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ޕީޕީއެމް ތެރޭގައި ހިލާފުތަކެއް ހުރި ކަމަށާއި ލީޑަޝިޕް ބޭފުޅުން އެއްގަލަކަށް ނާރާ ކަމަށް ބުނެ ވާހަކަ ފަތުރަމުންދާ ކަމަށެވެ. އެކަމަކު އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "ޕީޕީއެމްގެ ރައީސާއި ޕީޕީއެމްގެ މުސްތަޝާރާ [ރައީސް ޔާމީނާ] ދެ މީހުން ހިޔާލު ތަފާތޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއީ ކަނޑައެޅިގެން ދޮގެކޭ، ޕީޕީއެމަކީ އެއްބައިވަންތަ ޕާޓީއެއް. ޕީޕީއެމްގެ ތެރޭގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް،" ރަައީސް ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މައުމޫން ވިދާޅުވި އެވެ. ޕީޕީއެމަށް މިރޭ ސޮއިކުރެއްވި މެމްބަރު ޔާމީންގެ ފޯމާ ރައީސް ޔާމީނާއި މައުމޫން ހަވާލުވެވަޑައިގަންނަވަނީ: ރައީސް ޔާމީނާ ދެމެދު އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށް މައުމޫން މިރޭ ވިދާޅުވި.-- ހަވީރު ފޮޓޯ: ނިޝާން އަލީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އެ ޕާޓީ އޮންނާނީ ވަރުގަދަކޮށެވެ. ޕާޓީ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން އެ ގޮތަށް ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ. މައުމޫން ވިދާޅުވީ ޕީޕީއެމަކީ ވަކި އުމުރަކަށް ހާއްސަ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއާ ގުޅޭ މެމްބަރުންނަށް ބަލާލުމުން ވެސް އެކަން ސާފު ކަމަށެވެ. އެކި ޕާޓީތަކުން ޕީޕީއެމާ މެމްބަރުން ގުޅުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. "ހަމަ އެހެންމެ، އަޅުގަނޑުމެން ޕާޓީ މެމްބަރުންގެ އަދަދު ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ. މަޖިލިސް މެމްބަރުންގެ ތެރެއަށް އަނެއްކާ އިތުރު ބޭފުޅަކު މިރޭ އިތުރުވެގެން އެ ދިޔައީ،" ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޔާމީން މިރޭ ޕީޕީއެމާ ގުޅިވަޑައިގަތުމުން، އެ ކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވި އެވެ. މި ސަރުކާރުގައި ވޭތުވެދިޔަ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ކުރައްވައިފި، ނަތީޖާތަކެއް ހާސިލްކޮށް ދީފި،-- މައުމޫން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ސައްހަ މެމްބަރުން އެންމެ ގިނައިން ތިބީ ޕީޕީއެމްގައި ކަމަށް މައުމޫން ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރުކުރެއްވި އެވެ. ޕީޕީއެމް ކާމިޔާބު ޕާޓީއަކަށް ވަނީ، މައުމޫން ވިދާޅުވި ގޮތުގައި، ނަތީޖާ ހާސިލްކުރާ ޕާޓީއަކަށްވާތީ އެވެ. އެ ޕާޓީ އަކީ ހަމައެކަނި ވާހަކަ ދައްކާ ޕާޓީއެއް ނޫން ކަމަށާއި ދައްކާ ވާހަކައާ އެއްގޮތަށް އަމަލުކުރާ ޕާޓީއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. "މި ސަރުކާރުގައި ވޭތުވެދިޔަ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ކުރައްވައިފި، ނަތީޖާތަކެއް ހާސިލްކޮށް ދީފި،" މައުމޫން ވިދާޅުވި އެވެ. ޕީޕީއެމްގެ ސަޕޯޓަރުން މިރޭގެ ޖަލްސާގައި: ސައްހަ މެމްބަރުން އެންމެ ގިނައިން ތިބީ ޕީޕީއެމްގައި ކަމަށް މައުމޫން މިރޭ ވެސް ވިދާޅުވި.-- ހަވީރު ފޮޓޯ: ނިޝާން އަލީ އޭގެ ތެރޭގައި މައުމޫން ފާހަގަކުރެއްވީ، ޑޮލަރުގެ އަގު ހެޔޮކުރުމާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ތެލުގެ އަގު ހެޔޮކުރުމާއި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރުން ފަދަ ކަންކަމެވެ. މީގެ އިތުރުން، ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ