އެމްއެންޑީއެފު ކުންފުނި ޓުރިޒަމު ދާއިރާގެ ތެރެއަށް ވަންނާނީ ޖޮއިންޓް ވެންޗަރ އުސޫލުން: އެމްއެންޑީއެފް

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރުމަށް އެމްއެންޑިއެފުން އުފައްދާފައިވާ ކުންފުނިން ޓޫރިޒަމު ވިޔަފާރީގެ ތެރެއަށް ވަންނާނީ ޖޮއިންޓް ވެންޗަރ އުސޫލުން ކަމަށް އެމްއެންޑިއެފުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އެމްއެންޑިއެފްގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ، އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ ކ.ތަނބުރުދޫގައި މިމަހުގެ އަށްވަނަ ދުވަހު އުފައްދާފައިވާ ސިފައިންގެ ވެލްފެއަރ ކުންފުނިން ރިސޯޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ހުށަހެޅުންތަކެއް ހުށަހަޅާ ބަޔަކާއެކު ޖޮއިންޓް ވެންޗަރ އުސޫލުން ކަމަށް ވެސްއޭނާ ވިދާޅުވިއެވެ. ނަމަވެސް ޖޮއިންޓް ވެންޗާ އުސޫލުން އެކަން ކުރިއަށް ގެންދާނީ ކޮން ބަޔަކާއެކު ކަމެއް އަދި ކުންފުނިން ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކ.ތަނބުރުދޫގެ އިތުރުން ތިލަފުށި ކައިރީގައި އޮންނަ އުތުރު ތިލަފަޅު ވެސް ސިފައިންގެ ވެލްފެއަރ ކުންފުނިން ތަރައްގީ ކުރާ ގޮތަށް ދިނުމަށް ނިންމާފައިވާ ކަމަށް ސީއެންއެމަށްވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ" އިތުރު ރަށްތައް ވެސް ސަރުކާރުން ދީފިނަމަ އެމަސައްކަތް ކުރާ ގޮތަށް ސިފައިންގެ ވެލްފެއަރ ކުންފުނިން ތައްޔާރު" ކަމަށެވެ.
ކ.ތަނބުރުދޫގައި ރިސޯޓެއް ހެދުމަށް ސިފައިންގެ ވެލްފެއަރ ކުންފުނިން ނިންމާފައިވީ ނަމަވެސް އެއީ އާ ކަމެއް ނޫން ކަމަށާއި އެމަޝްވަރާތައް 2010 ފެށިގެން ވެސް ކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ