ސުލްހަވެރި ގޮތަކީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އިންތިޚާބު ބޭއްވުން: ޖަމީލް
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ މައްސަލައެއް ކަމަށް ދެކޭނެ ޖާގައެއް ނެތް ކަމަށާއި ރާއްޖެއަށް އޮތް އެންމެ ސުލްހަވެރި ހައްލަކީ އެ ހުކުމާ އެއްގޮތަށް އިންތިޚާބު ބޭއްވުން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ތަފާތު ގޮތްގޮތަށް މާނަކޮށް، އެ ހުކުމުގެ ބާރު ކަނޑުވާލުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އެ ހުކުމުން ސާބިތުވެފައިވަނީ މިދިޔަ މަހު ބޭއްވި އިންތިޚާބުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަން ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މުސްތަގިއްލުކަން ދެއްކިފައިވާ ނުވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ޖަމީލް ވިދާޅުވީ އިންތިޚާބަށް ސުޕްރީމް ކޯޓުން މާ ބޮޑަށް ނުފޫޒު ފޯރުވާ ކަމަށް އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ނަވީ ޕިއްލޭ ވިދާޅުވެފައި ވާތީ އާއި އެ ކޯޓުގެ ހުކުމް މުރާޖައާ ކުރުމަށް ނަޝީދު ގޮވާލައްވާފައިވާތީ އެ ވާހަކަތަކަށް ރައްދު ދެއްވަ އެވެ. އިންތިޚާބުގައި ވާދަކުރައްވާ އަނެއް ދެ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ އެކަމަށް ވެސް ޖަމީލް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އެފަދަ ވާހަކަފުޅެއް ދެއްކެވީ އަންނަ މަހު ނުވައެއްގައި ބާއްވާ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ކަން ޔަގީންވާތީ ކަމަށެވެ. "މިއަދުގެ މާހައުލުގައި އެކި ކަހަލަ ކުށްތަކުގައި ތާށިވެގެން ތިބޭ މީހުން ހިންގާ ކަންތައްތަަކީ ރައްޔިތުންގެ ރައުޔެއް ނޫން. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ހަމައެކަނި އެއް ބަޔަކު ދެކޭ ގޮތެއް ނޫން، އެއް ބަޔަކު ބުނާ ގޮތަށް ކަންތައް ކުރުމެއް ނޫން. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މުޅި ދިވެހިންގެ ހައްލުތަކެއް،" އޭނާ ވިދާޅުވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމަށް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ވީހާ ވެސް އަވަހަކަށް ނިންމަން ޖެހެ އެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ޝަރީއަތަށް ނުފިލޭނެ ކަން ކުށްކުރާ މީހުންނަށް ޔަގީން ވާނެ ކަމަށެވެ. ނަޝީދު މިއަދު ވިދާޅުވެފައިވަނީ ރިޔާސީ ދައުރު ހަމަވާއިރު އިންތިހާބުވެފައިވާ ރައީސަކު ހުންނާނެ ގޮތަކީ ޖުމްހޫރީ ޕާޓީ އާއީ ޕީޕީއެމްގެ ކެންޑިޑޭޓްގެ ތެރެއިން އެއް ބޭފުޅަކު "ދީނާއި ގައުމަށްޓަކައި" ނަން އަނބުރާ ގެންދެވުން ނުވަތަ އިންތިހާބު ބާތިލްކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމް އަލުން މުރާޖާކޮށް، ދެ ވަނަ ބުރު ބާއްވަން ކަނޑައެޅުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ