މުޒާހަރާގައި އެއްވެސް ފަރާތެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް އައިސްފައިވޭތޯ ބަލަނީ

އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މޭ މަހުގެ އެއްވަނަ ދުވަހު ކުރި މުޒާހަރާގައި އެއްވެސް ފަރާތެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް އައިސްފައިވޭތޯ ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް އިން ބަލަން ފަށައިފި އެވެ. އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާގައި ހައްޔަރުކުރި މީހުންނަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި ހައްޔަރުކުރުމުގެ ތެރޭގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކާއި ހައްޔަރުކުރުމަށްފަހު ފުލުހުން އަނިޔާކުރާ ކަމަށް ބުނާ މައްސަލަތައް ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މީގެއިތުރުން ބަންދުކޮށްފައި ތިބި ގޮޅިތަކުގެ ޖާގަ ކުޑަވުމާއި، ވެންޓިލޭޝަން ދަށްވުމާއި ހޫނުވުމުގެ މައްސަލަތައް ހުށަހެޅިފައިވާއިރު ބޭސްފަރުވާ ލިބުންލަސްވުމާއި، ގެއިން ފޮނުވާ ތަކެތި ލިބުން ލަސްވުމުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެކޮމިޝަނުން ބުންޏެވެ. މުޒާހަރާގެ ތެރޭގައި ބަޔަކު ފުލުހަކަށް އަނިޔާކޮށްފައިވާތީ އެ މައްސަލަ އެ ކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެ ދުވަހުގެ މުޒާހަރާގައި ހައްޔަރުކުރި ފަރާތްތަކާއި މުޒާހަރާގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ކޮމިޝަނުން ވަނީ ދޫނިދޫ ޖަލަށާއި، މާލޭ ޖަލަށާއި މާފުށީ ޖަލަށް ޒިޔާރަތްކޮށްފައެވެ. "ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ކަމާބެހޭ ފަރާތްތަކުން ލިބިދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމުގައި މިފުރުސަތުގައި ކޮމިޝަނުން ދަންނަވަމެވެ. އަދި ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައިވެސް ހުރިހާ ފަރާތްތަކެއްގެ ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކުން އަނިޔާވެރި އަމަލުތައް ހިންގައިގެން ނުވާނެ އެވެ،" އެ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ