އިއްތިހާދު އެއާވެސްގެ ދަތުރުތައް މި މަހު 16 އިން ފެށިގެން ރާއްޖެއަށް
އަބޫދާބީގެ އިއްތިހާދު އެއާވޭސް އިން އަންނަ މަހުގެ 16 އިން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ. ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން އިއްތިހާދު އެއާވޭސް އިން މާލެ އާއި އަބޫދާބީ އާއި ދެމެދު ދުވާލަކު ދެ ފްލައިޓު ބޭއްވި ނަމަވެސް މާޗު 23 އިން ފެށިގެން ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. މިމަހުގެ 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު މިހާރުވެސް ގިނަ އެއާލައިންތަކަކުން ރާއްޖެ އަންނަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އިއްތިހާދު އެއާވެސް ހިމެނެ އެވެ. އިއްތިހާދުން ބުނީ ދަތުރުގެ 30 ގަޑިއިރު ކުރިން ފަސިންޖަރުންނަށް، އެމީހުން ތިބޭން ބޭނުންވާ ސީޓު އޮންލައިންކޮށް ހިޔާރު ކުރެވޭނެކަމަށެވެ. ރާއްޖޭގެ އިތުރުން އެހެން މަންޒިލުތަކަށްވެސް މިމަހުގެ 16 ގައި ދަތުރުތައް ފަށަން އެ އެއާލައިނުން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރު، ޗެންނާއީ، ނިއުދިއްލީ އަށްވެސް އެ އެއާލައިނުގެ ދަތުރުތައް ފަށާނެ އެވެ. ޔޫރަޕާއި މެދު އިރުމައްޗަށްވެސް ދަތުރުތައް ފަށާއިރު، ޖުލައި މަހުގެ ތެރޭގައި 40 މަންޒިލަކަށް ދަތުރުތައް ފެށޭނެ ކަމަށް އިއްތިހާދުން ވަނީ ބުނެފަ އެވެ. އެ އެއާލައިނުން ބުނީ ޔޫއޭއީގެ ސަރުކާރާއި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކާއި އެހެން ގައުމުތަކުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާ ގުޅިގެން އެއާލައިނުގެ ދަތުރުތައް ފުޅާކުރަން މަސައްކަތް ކުރާ ކަމަށެވެ. އެއާލައިނުން އެންމެ އިސްކަންދެނީ ފަސިންޖަރުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް ކަމަށްވެސް އިއްތިހާދުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ