މިއީ ވަރަށް އުފާވެރި ދުވަހެއް: އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދުއޮތް އެކުވެރި ގުޅުން ކުރިއަށް އޮތް ތާނގަވެސް ބަދަހިވަމުން ދާނޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވީ، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފެށުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއްޔެ ކުރައްވާފައިވާ ޓްވީޓެއް މީގެ ކުޑައިރުކޮޅެއް ކުރިން ރީޓްވީޓް ކުރައްވައި ލިއުއްވާފައިވާ މެސެޖުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ފެރީގެ ޚިދުމަތް ގާއިމްކުރުމުގެ ހުވަފެން މިހާރު ހަގީގަތަކަށްވެފައިވާ ކަމަށާއި، މި ޚިދުމަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ޕްރޮމޯޓްވެ، އިގްތިސާދަށް އޭގެ މަންފާ ކުރާނޭކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެފައި ވެއެވެ.
ރައީސް އިބްރާހިމް މުހަންމަދު ސާލިހް އިއްޔެ ކުރެއްވި ޓްވީޓްގައި، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ކަގޯ ފެރީގެ ސީދާ ދަތުރުތައް އިއްޔެ ފެށުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
މި ހިދުމަތުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް ސާލިހްގެ ޓްވީޓްގައިވެސް ވިދާޅުވެފައި ވެއެވެ.
ދެކުނުއިންޑިއާ-ކުޅުދުއްފުށި-މާލެއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ގާއިމްކުރުމާ ގުޅިގެން ދިވެހިންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ