އެހެން މީހަކާ ގުޅުމެއް ނެތް ކޭސްތައް އިތުރުވާތީ ސަމާލުވާންޖެހޭ: ޓެގް

ކޮވިޑް-19 ޖެހިފައިވާ މީހަކާ ގުޅުމެއް ނެތް ގިނަ ބައެއްގެ ގައިން އެ ބަލި ފެނުމަކީ މުޖުތަމައުގެ ތެރޭގައި އެ ބަލި ފެތުރިފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ކޮވިޑާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓީމުން ރޭ ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި، ރާއްޖޭގައި މިހާރު އެ ބަލި އޮތް ހާލަތުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުން އެޗުޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ގުޅުމެއް ނެތް ކޭސްތައް 30-40 ޕަސެންޓާ ދެމެދު ހިފެހެއްޓިފައިވާ ކަމަށެވެ.
އޭނާގެ އެ ވާހަކަތަކާ ގުޅިގެން، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ މެމްބަރު ޑރ. މުއާޒް މޫސާ ވިދާޅުވީ، އާންމު ގޮތެއްގައި އެއްވެސް ގުޅުމެއް ނެތް މީހުންގެ ގައިން ކޮވިޑް-19 ފެންނަ ނަމަ އޭގެ މާނައަކީ މުޖުތަމައުގެ ތެރޭގައި އެ ބަލި ފެތުރެމުންދާ މިންވަރު އިތުރުވުން ކަމަށެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ އެތެރެހަށީގެ ޑރ. މުއާޒް ވިދާޅުވިގޮތުގައި، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު ގިނަ ނުވިޔަސް ގުޅުމެއް ނެތް މީހުންގެ އަދަދު އިތުރުވާ ނަމަ އެއީ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. އެފަދަ ކޭސްތައް އިތުރުވާ ނަމަ ދުވާލެއްގެ މައްޗަށް ފެންނަ އަދަދު ވެސް އިތުރުވާ ތަން ދުވަސްކޮޅެއްގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި އެ ހިސާބަށް ގޮސް ކޮންޓްރޯލުން ނުދަނީސް އެކަމަށް ސަމާލުވެ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެޗުއީއޯސީގެ ރޭގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. މުއާޒް، ޑރ. ނަޒްލާ އަދި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ.
އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު އަދި ކޮވިޑް-19 އާާ ގުޅޭ މައުލޫމާތު ދެއްވާ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފެންނަ ކޮންމެ ކޭސްއަކީ ވެސް ކޮންމެސް އެހެން ކޭސް އަކާ ގުޅުމެއް އޮތް ކޭސްއަކަށް ވާން ވާނެ ކަމަށެވެ. އެހެން ނޫން ނަމަ އޭގެ މާނައަކީ އަދިވެސް ނޭނގި ގިނަ ބަޔަކަށް ބަލި ޖެހިފައި ތިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މި ކަހަލަ ކޭސްތައް މި ފެންނަނީ އަޅުގަނޑުމެންނަށް އެ ވަރަށް އެކްޓިވް ސަވައިލަންސް ކުރެވޭތީ. އެއީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް" ކޮވިޑް-19ގެ ކޮންޓެކްޓް ޓްރޭސިންގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19ގެ 2491، މީހަކު ޕޮޒިޓިވް ވެފައިވާއިރު، 12 މީހަކު މަރުވެ، 2،113 މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާދެމުން އަންނަނީ 361 މީހަކަށެވެ. މިދިޔަ ދިޔަ މަހެއްހާ ދުވަހު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދުތައް ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. ޓެސްޓު ކުރުން ވެސް އިތުރުކޮށްފައި ވަނިކޮށް، އާ ކޭސްތައް މަދުވެ، ރަނގަޅުވާ މީހުންގެ އަދަދު ވަނީ ގިނަ ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ