ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި ރޭ ސިފައިންގެ ކުރީގެ ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީއާ ސިފައިންގެ ތެރެއިން ދިމާވި ކަމަށް ބުނެ ދެ ހެކިވެރިއަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
އެގޮތަށް ހެކިބަސް ދީފައިވަނީ ގާޒީ ބަންދުކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގަ އެވެ.
ހެކިބަސް ދެމުން ފުލުހުންގެ ސާޖަންޓް ހަސަން އިރާޝް ބުނީ ގާޒީ ބަންދުކުރި ރޭ ފުލުހުންގެ އޭރުގެ ޗީފް ސުޕްރިޑެންޓެންޓް ޖިނާހު ވިދާޅުވެގެން އިތުރު ހައެއްކަ ފުލުހުންނާއެކު ސިފައިންގެ މައި ހެޑްކުއާޓަރު(ބަންޑާރަ ކޮށި) އަށް ދިޔަ ކަމަށެވެ. އަދި އެތަނަށް ގޮސް އެތާ ތެރޭގައި ތިއްބާ އިބްރާހިމް ދީދީ އެތަނަށް ވަޑައިގެންނެވި ކަމަށާއި ، އެތަނަށް އައި ފުލުހުންނަކީ އެއީތޯ އިބްރާހިމް ދީދީ ސުވާލު ކުރެއްވި ކަމަށާއި ޖަވާބުގައި އާނއެކޭ ބުނި ކަމަށް އިރާޝް ބުންޏެވެ.
މިއަދު ހެކިބަސް ދިން އެހެން ފުލުހެއް ކަމަށްވާ ލާންސް ކޯޕްރަލް އިބްރާހިމް ހަމީދު ބުނީ ގާޒީ ބަންދުކުރި ރޭ އިތުރު ފުލުހުންތަކަކާ އެކު ބަންޑާރަ ކޮށްޓަށް ދިޔަ ކަމަށާއި ނަމަވެސް ދިޔައީ ކާކު ބުނެގެންކަން ނޭނގޭ ކަމަށެވެ. އަދި އެތަނަށް ގޮސް ތިއްބާ އިބްރާހިމް ދީދީ ވަޑައިގެން އެތަނަށް އައި ފުލުހުންނަކީ އެއީތޯ ސުވާލުކުރެއްވި ކަމަށް ވެސް ހަމީދު ބުންޏެވެ.
އެ ދެ ހެކިވެރިންގެ ފަރާތުން ސާބިތުކުރަން އުޅެނީ ކޮންކަމެއް ދައުލަތުގެ ވަކީލުން ޓީމަކުން އަދި ހާމައެއް ނުކުރެ އެވެ.
އެ ހެކިވެރިންގެ ހެކިބަސް ނަގަން އުޅުމުން އިބްރާހިމް ދީދީގެ ވަކީލުންގެ ޓީމުން ވަނީ އެ ހެކިވެރިން ހާޒިރުކުރަން ނުޖެހޭނެ ކަމަށް ބުނެ އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ. އިބްރާހިމް ދީދީގެ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވީ އެ ހެކިވެރިން ތަހުގީގަށް ދިން ބަޔާނުގައި ވެސް އިބްރާހިމް ދީދީގެ މައްޗަށް ކުރެވޭ ދައުވާއާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނެތް ކަމަށެވެ. އެހެންކަމުން އެ ހެކިވެރިން ހާޒިރުކުރަން ނުޖެހޭނެ ކަމަށް ބުނެ އެކަން ވިޝާމް ފާހަގަ ކުރެއްވި އެވެ.
ރައްދުގައި ދައުލަތުގެ ވަކީލާ އައިޝަތު ފަޒްނާ އަހުމަދު ވިދާޅުވީ ދައުލަތުން ހެކިން ހުށަހެޅި ދުވަހު އެ ހެކިވެރިންނާ މެދު އިއުތިރާޒެއް ނެތް ކަމަށް ދައުވާލިބޭ ފަރާތުގެ ވަކީލުން ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަހާ ގުޅޭގޮތުން ވާހަކަ ދައްކާނީ ފަހުން ކަމަށާއި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގައި ނިމުމުން ހެކިބަސްތައް ގުޅުވައިގެން ސާބިތުކޮށްދޭން ބޭނުންވާ ކަންކަން ސާބިތުކޮށްދޭނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
އެ ނުކުތާއާ މެދު ގޮތެއް ނިންމަވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ފަރާތެއް އިހްތިޔާރު ކުރާ ހެކިން ހުށަހެޅުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށްވާތީ އެ ދެ ހެކިވެރިންގެ ހެކިބަސް ނަގަން ނިންމެވީ ކަމަށެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުން އަންނަ އާދިއްތަ ދުވަހު ބާއްވާނެކަން އިއުލާންކޮށްފަ އެވެ.
ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ އިބްރާހިމް ދީދީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. މި އެ ހުރިހާ ބޭފުޅުން ވެސް ދައުވާ އަށް އިންކާރު ކުރައްވަ އެވެ.
ގާޒީ ބަންދުކުރި ރޭ ސިފައިންގެއިން އިބްރާހިމް ދީދީއާ ދިމާވި: ހެކިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ