ޕީޕީއެމުގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ ސުލޫކީ ކޮމެޓީން މައްސަލަ ބެލި ނަމަވެސް އޭނާ ޕާޓީން ވަކިކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ޕީޕީއެމުން އޭނާ ވަކިކޮށްފި ނަމަ ޕާޓީ އަށް "ބިން ހެލުމެއް" އައިސް "ޕާޓީ ފުނޑު ފުނޑު" ވެގެންދާނެ ކަމަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. އަދި ޕާޓީގެ ކައުންސިލުން އަންގާފައިވާ ގޮތަށް މާފަށް އެދިވަޑައިނުގަންނަވާނެ ކަމަށާއި މާފަށް އެދެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.
ސިންގަޕޫރުގައި ހުންނެވުމަށް ފަހު މާލެ ވަޑައިގެން ފޮރިން މިނިސްޓްރީ ކުރިމަތީގައި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕްރައިމަރީގައި ކަން ހިނގައިދިޔަ ގޮތް ހާމަކުރުމަކީ މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
އާޓިފިޝަލްބީޗުގައި އޭނާގެ ސަޕޯޓަރުންނާ އެކު ވަކިން ބޭއްވި ޖަލްސާގައި ތުހުމަތުކުރައްވާފައިވާ ކަންކަން ތަކުރާރުކުރައްވައި އުމަރު ވިދާޅުވީ މާފަށް އެދެން ޖެހޭނީ ޕްރައިމަރީގައި އެކަންކަން ކުރި މީހުން ކަމަށެވެ. ޕްރައިމަރީގައި ވޯޓު އޮޅުވާލުމުގެ އިތުރުން ޕީޕީއެމްގެ ރަޖިސްޓްރީ އޮޅުވާލުމާއި ނުފޫޒު ބޭނުންކުރުމުގެ އިތުރުން އޭނާގެ ބައެއް ސަޕޯޓަރުންނަށް އިންތިހާބުގައި ވޯޓު ނުލެވުނު ކަމަށް އުމަރު މިރޭ ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އޭނާ ތުހުމަތުކުރެއްވި ކަންކަން ރަސްމީކޮށް ޕާޓީ އަށް ހުށަނޭޅުއްވީ "ޔާމީންގެ ކޮންޓްރޯލް ދަށުގައި" ހުރި ކޮމެޓީތަކަށް ވުމުންނެވެ.
އުމަރު ވިދާޅުވި ގޮތުގައި ޕީޕީއެމަކީ އޭނާގެ ހިއްސާ ވެސް އޮވެގެން އުފެއްދި ޕާޓީއެއް ކަމަށާއި އެ ޕާޓީން އަމިއްލަ އަށް ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޕާޓީން އޭނާ ވަކިނުކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމް އުފެއްދީ އަޅުގަނޑާއި ރައީސް މައުމޫން. އެހެންވީމާ އަޅުގަނޑު ޕީޕީއެމުން ވަކިވާންޖެހޭ އަދި ވަކިކުރަންޖެހޭ ސަބަބެއް ވެސް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީން ވަކިކުރުމާއި ސަސްޕެންޑްކުރުން ފަދަ ކަންކަމަކީ އޭނާ އަށް އާ ކަންތައްތަކެއް ނޫން ކަމަށެވެ. އުމަރު އެ އިޝާރާތްކުރެއްވީ ޑީއާރުޕީން އޭނާ ވަކިކުރި މައްސަލައަށެވެ. އުމަރު ވިދާޅުވީ އޭނާ ޕާޓީން ވަކިކުރުމަށް މިހާރު މަސައްކަތް ކުރާ މީހާ އަކީ ޕާޓީ އަށް ހަގު މީހެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ކާކު ކަމެއް ވިދާޅެއް ނުވެ އެވެ.
އުމަރު ވިދާޅުވި ގޮތުގައި ރިޔާސީ ޕްރައިމަރީގައި މެމްބަރުންގެ އެތައް ހައްގެއް ގެއްލިގެން ދިޔައިރު ޕާޓީ ފަޅައިގެންދާ ވަރަށް މަސައްކަތް ނުކުރީ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީ ބޮޑު ކަމަށް ގަބޫލުކުރެވޭތީ އެވެ. އެހެން ނަމަވެސް ޕާޓީ އަށް ވުރެ ގައުމު ބޮޑުކަމަށާއި އެހެންވެ ގައުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު މިރޭ ވެސް ވިދާޅުވީ ޔާމީނާ އެކު އިންތިހާބަށް ނުކުންނަ ޓީމަކީ ކޮރަޕްޝަނުން މިންޖުވެފައިވާ ޓީމެއް ކަމަށް ވާނަމަ އޭނާ އަށް އެއްބާރުލުން ދެއްވާނެ ކަަމަށެވެ. އެ ނޫންގޮތަށް ވެއްޖެ ނަމަ އެހެން މަންޒިލެއް ހިޔާރުކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އަދި އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު އެހެން ޕާޓީއެއް އުފައްދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އޭނާ ވިދާޅުވީ "އެ ހާލަތު އަދި ނާންނަ" ކަމަށެވެ.
ޑރ. އަފްރާޝީމް އަވަހަރާކޮށްލި މައްސަލާގައި ހިމެނޭ ކުޑަ ކުއްޖާއާ މުލަކު ދާއިރާގެ މެމްބަރު އަދި ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްބި ޔާމީން ބައްދަލުކުރެއްވި ކަމަށް ދެއްކެވި ވާހަކައާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އެ ކުއްޖާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޔާމީނާ ބައްދަލުކުރަން ގޮސް އިންދައި ފެނިވަޑައިގެންނެވި ވާހަކަ ކަމަށާއި އަދި އެއީ ކުޑަކުއްޖެއް ނޫން ކަމަށާއި މީހެއް ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފްސީލަކަށް ވަޑައެއް ނުގެންނެވި އެވެ.
ވަކިން ޖަލްސާ ބާއްވައި ބޮޑެތި ތުހުމަތުތަކެއް ކުރެއްވި މައްސަލާގައި އުމަރާ މެދު އަޅާނީ ކޮން ފިޔަވަޅެއް ސުލޫކު ކޮމެޓީން އަންނަނީ ބަލަމުންނެވެ. އޭނާއާ މެދު ފިޔަވަޅު އެޅުމަށް ދެ ހަފުތާއެއްހާ ދުވަސް ވެދާނެ ކަމަށް އެ ކޮމެޓީން މިއަދު ވަނީ ބުނެފަ އެވެ.
ޕީޕީއެމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް، ވަކިކޮށްފި ނަމަ ޕާޓީ ފުނޑުފުނޑުވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ