ބަނގުރާ ބޭނުންކުރުމުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހދ. ހޮނޑައިދޫން ހައްޔަރުކުރި މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ކުރާ ދައުވާގެ ދިފާއުގައި ވަކީލަކު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން އޭނާއަށް މިއަދު ފުރުސަތު ދީފަ އެވެ.
އެ މައްސަލައިގައި ހާމިދުގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލުގެ މައްޗަށް ދައުލަތުން ކުރަނީ ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ދައުވާއަކާއި ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާއަކާއި ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާއެކެވެ. އޭގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔައި ބަނގުރަލުގެ މައްސަލައިގައި އުފުލާފައިވާ ދައުވާ އެވެ.
އެ ތިން ބޭފުޅުންގެ ބައި ވެސް މިއަދު ކުރިއަށް ގެންދިއުމަށް ތާވަލްކުރި ނަމަވެސް މިއަދު ކޯޓަށް ހާޒިރުވެފައިވަނީ ހާމިދު އެކަންޏެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ކުރާ ދައުވާގައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހު ފުލުހުން ހޮނޑައިދޫއަށް އަރައި ފާސްކުރަމުން ދަނިކޮށް ބާއެއް ގޮތަށް ހަދާފައިވާ ހަޓެއް ކައިރިން މި ތިން ބޭފުޅުން ފެނިފައިވާ ކަމަށެވެ. އަދި ފެނުނުއިރު ހާމިދުގެ އަތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ޖޯޑަކާއި ޖާބިރުގެ އަތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ބިއްލޫރި ތައްޓެއް ހުއްޓާ ފެނުނު ކަމަށް އެ ދައުވާގައިވެ އެވެ. އަދި ފުލުހުން އެދިމާލަށް ދާން ފެށުމުން ހާމިދުގެ އަތުގައި އޮތް ޖޯޑު އެއްލާލި ކަމަށާއި ނަމަވެސް ޖާބިރު އަތުގައި އޮތް ތައްޓާއެކު އޭނާ ހިފަހައްޓާ އެ ތަށީގައި ހުރި ތަކެތި ތަހުލީލުކުރިއިރު ބަނގުރަލަށް ޕޮޒިޓިވް ވެފައިވާ ކަމަށް ދައުވާގައިވެ އެވެ. އަދި އެ ތިން މީހުން ތިބި ދިމާލުގައި ހުރި ގޮނޑިއެއްގެ މަތިން ފެނުނު ބިއްލޫރި ތައްޓާއި އެ ދިމާލުގައި ހުރި މޭޒެއްގެ މަތިން ފެނުނު ދެ ބިއްލޫރި ތައްޓާއި އެ މީހުން ތިބި ދިމާލުގައި ހުރި ހަޓްގެ ކައުންޓަރު މަތިން ފުޅިތަކުގައި ހުރި ދިޔާ ތަކެތި ބަނގުރަލަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.
އެހެންކަމުން އެ ތިން މީހުންގެ މައްޗަށް ބަނގުރާ އެތެރެކޮށް، ގެންގުޅުމުގެ ދައުވާ އުފުލީ ކަމަށް އެ ދައުވާގައިވެ އެވެ.
ދައުވާ އިއްވުމުން ހާމިދު ވިދާޅުވީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށާއި ދައުވާއަށް ޖަވާބުދާރީވާނީ ވެސް ވަކީލަކާއެކު ކަމަށެވެ.
ހާމިދު އެހެން ވިދާޅުވުމުން ގާޒީ މުހްތާޒު މުހުސިން ވަނީ އެ ފުރުސަތު ހާމިދަށް ދެއްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލާއެކު ދައުވާއަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ގާޒި ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވުމަށް ދައުލަތަށް ފުރުސަތު ދިނުމުން ދައުލަތުން ވަކީލާ އެދިވަޑައިގަތީ ދައުވާލިބޭ ތިން މީހުންގެ ބައި އެއްކޮށް ކުރިއަށް ގެންދާއިރު ދައުވާ އިއްވާ ގޮތަށް ހަމަޖެއްސުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ހާމިދުގެ ބައި މިއަދު ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ދައުވާ އިއްވުމަށް ގާޒި އެންގެވި އެވެ.
ގާޒީ އިތުރަށް ވިދާޅުވީ ދައުވާލިބޭ އަނެއް ދެ ބޭފުޅުން ކޯޓަށް ހާޒިރުވެ ވަޑައިނުގަތީ ކީއްވެގެންތޯ ބައްލަވާނެ ކަމަށާއި ހާޒިރުނުވީ މަގުބޫލު އުޒުރެއް ނެތި ކަމަށްވާ ނަމަ އެ ދެ ބޭފުޅުން ބަންދުކޮށްގެން ވެސް ކޯޓަށް ހާޒިރު ކުރައްވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް ވެސް އިއުލާން ކުރައްވައިފަ އެވެ. ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުން އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށާއި އޭގެފަހުން މި މަހުގެ 12 ވަނަ ދުވަހާއި 26 ވަނަ ދުވަހު ވެސް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ އަންނަ މަހުގެ 31 ވަނަ ދުވަހު މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށް ގާޒީ މުހުތާޒް ވިދާޅުވި އެވެ.
ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ ބޭފުޅަކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭ ބަންދުކުރުމަށް ނުވަތަ 1،000ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރުމަށް ހުކުމްކުރާނެ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވެ، އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެނަމަ މެމްބަރުކަމުން ވަކިވާނެ އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ކުރާ ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އެއިން ކޮންމެ ބޭފުޅަކު 15 އަހަރަށް ޖަލަށްލުމާއެކު ޖޫރިމަނާ ކުރުމަށް ހުކުމްކުރާނެ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.
އެ ތިން ބޭފުޅުންގެ އިތުރުން ކުރީގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހަރާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ފާއިޒުގެ މައްޗަށް ވެސް، ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާ ކުރަން ކޯޓަށް ވަނީ ފޮނުވައިފަ އެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ދަރިކަލުން ހަމްދާން ޒަކީގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާކުރަން ވެސް ޕީޖީން ވަނީ ކޯޓަށް ފޮނުވައިފަ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ދައުވާއެއް ކުރަނީ ހަމްދާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމާއެކު ބޮޑު އަދަދުން ޖޫރިމަނާ ކުރެވޭނެ އެވެ.
ވަކީލަކު ހަމަޖެއްސުމަށް ހާމިދަށް ކޯޓުން ފުރުސަތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ