ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓާއި ނަތީޖާ ޝީޓް ހޯދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ވޯޓުލީ މީހުންގެ ލިސްޓާއި ނަތީޖާ ޝީޓް ހޯދުމަށް އިލެކްޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ އެއީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ނުފެތޭ މައްސަލައެއް ކަމަށްވާތީ ހައި ކޯޓުން ބުނެ އެވެ.އެ ގާނޫނުގެ 64 ވަނަ މާއްދާގައިވަނީ އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިލެކްޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިއްޖެނަމަ ނުވަތަ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް ބަލައިދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.އިންތިހާބުގައި ދެ ވަނަ ބުރަށް ވަޑައިނުގެން ފޭލްވެ ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެފައި ވަނީ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށާއި އެ ޕާޓީ އަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ވޯޓަށް މަކަރު ހަދާފައިވާ ކަމަށެވެ. ޖުމްހޫރީ ޕާޓީން ކޯޓަށް މިއަދު މައްސަލަ ހުށަހެޅުމަށް ފަހު ދިން އިންޓަވިއުއެއްގައި އެ ޕާޓީން ވަނީ ތަފާތު މައްސަލަތަކެއް ކުރިމަތިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ