ގާނޫނުތަކާ ހިލާފު ކަމެއްގައި ބޭންކުން ބައިވެރިވެފައި ނުވާ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން: ބީއެމްއެލް

ބޭންކުން މަސައްކަތް ކުރަނީ ގައުމުގެ ކުރިއެރުމަށާއި ބޭންކަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށާއި ގާނޫނުތަކާ ހިލާފު ކަމެއް ކޮށްފައެއް ނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މުވައްޒަފުންނަށް ސީއީއޯ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ދާދި ފަހުން ބޭންކާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އެކަން މުވައްޒަފުންނަށް ސާފުކޮށް ކިޔައިދެއްވަން ބޭނުންވާ ކަމަށެވެ. އެގޮތުން ސުވާލު އުފެދޭ ފަދަ ގޮތަކަށް ގިނަ އަދަދެއްގެ ފައިސާ އެތެރެކުރުމުގައި ބީއެމްއެލް އިން ބައިވެރިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ އެ މެސެޖްގައި ދޮގުކުރެއްވި އެވެ."އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން ދެން ބޭންކުން އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައިނުވާނެ ކަމަށާއި އެފަދަ ކަމެއް ހިނގިޔަ ވެސް ނުދޭނެ ކަމުގެ. މި ގައުމަށް އިންވެސްޓްމަންޓް އަންނަން މަރުހަބާ ކިޔަން. އެކަމަކު ގާނޫނާ ހިލާފު ފައިސާތަކެއް އަޅުގަނޑުމެންގެ ދޮރުން އެތެރެވާން ހުއްދައެއް ދީފައެއް ނުވާނެ،" ސީއީއޯ ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ބޭންކުން އެންމެ އިސްކަންދެނީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށެވެ. އަދި އެކަން ފާއިތުވެދިޔަ ތަނުގައި ދައްކައިދީފައިވާނެ ސީއީއޯ ވިދާޅުވި އެވެ. ބީއެމްއެލް ހިންގަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭންކަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް އެންޑްރޫ ވިދާޅުވެފައިވެ އެވެ.ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުން އަންނަ ކަންތައްތަކާ ބެހޭ ގޮތުން ސީއީއޯ ވިދާޅުވީ، ބީއެމްއެލް އިން ބޭނުން ވަނީ ޖުމްލަކޮށް ރަނގަޅު ގޮތަށް ނޫން ކަމަށާއި އެންމެ ރަނގަޅު ފެންވަރަށް ކަންތައްތައް ކުރަން ކަމަށެވެ. އެގޮތުން އެ ބޭންކުން ވަނީ ރާއްޖެ އިން ބޭރުގައި އިންވެސްޓްކޮށްގެން ރަނގަޅު އާމްދަނީ މި ގައުމަށް ގެންނަން ކަމަށް އެންޑްރޫ ވިދާޅުވެފައިވެ އެވެ.އެ މެސެޖްގައި އޭނާ ވަނީ މިހާރު ކުރަމުން އަންނަ ބައެއް ކަންތައްތައް ވެސް ހާމަކުރައްވައިފަ އެވެ. އެގޮތުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އިންޓާނަލް އެކައުންޓިން ސްޓޭންޑަޑްތައް ބަދަލުކުރުމާއި ބަސެލް ރިސްކް މެނޭޖްމަންޓަށް ބަދަލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ބޭންކުގެ ފެންވަރު މަތިކުރުމަށް ކުރަމުން އަންނަ އެ ދެ ކަންތައްތަކަކީ ވެސް ބޭންކުތަކަށް ހިންގަން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވުރެ އިތުރަށް ކުރަމުން ގެންދާ ކަމެއް ކަމަށެވެ. އަދި އޭގެ އިތުރުން ލޯންތަކުގެ އިންޓަރެސްޓް ރޭޓް ދަށްކުރަން މި ހަފުތާގައި ބޭންކުގެ ބޯޑަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ބޭންކު މާލީ ގޮތުން ވަރުގަދަވަމުން އަންނަ ކަމަށްވާ ނަމަ އޭގެ ފައިދާ މުވައްޒަފުންނަށް ވެސް ކުރާނެ ކަމަށެވެ. އެ ފައިދާ ކުރަނީ ހަމައެކަނި ދާދި ފަހުން މުސާރަ އަށް ގެނައި ބަދަލަކުން އެކަނި ނޫން ކަމަށާއި މުވައްޒަފުންނަށް ލިބޭ ބޯނަސް އިން ވެސް ފައިދާ ލިބޭނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ