ގާސިމް ފުލުހަށް ހާޒިރުކުރީ ބަންޑާރަނައިބް ހުށަހެޅުއްްވި މައްސަލައެއްގައި: ރިޔާޒު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ފުލުސް އޮފީހަށް ހާޒިރުކުރީ ބަންޑާރަނައިބް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ގުޅިގެން މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރީ ބަންޑާރަނައިބް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އޭނާ އަށް އެމައުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފާނެ ކަމަށާއި ނަމަވެސް އެމައްސަލަ ހުށަހެޅީ ބަންޑާރަނައިބް ކަމަށް ތަކުރާރުކޮށް ރިޔާޒު ވިދާޅުވި އެވެ.
ދައުލަތުގެ މުއައްސަސާތަކުން ލިބެން ނުޖެހޭ ވަރަށް ގިނަ މައުލޫމާތު ރިޔާޒަށް ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުން މީގެ ކުރިން ވަނީ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކޮށް އެ މައުލޫމާތު ލިބުނު ގޮތަކާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރީ އެއްވެސް އަސްލެއް ނެތް މައްސަލައެއްގައި ކަމަށެވެ. ސަރުކާރުން އަންގައިގެން ފުލުހުން އެގޮތަށް އަމަލުކުރީ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވާ ވަގުތު ބޭކާރުކޮށްލުމަށް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ރޭގައި ފުލުހުންނަށް ގެންދިޔައީ އެއްވެސް މައްސަލައެއްގައެއް ނޫން. ޖިނާއީ މައްސަލައެއް އޭގައެއް ނުހިމެނޭ. މިއީ ހަމަ ބިރު ދެއްކުން. އަޅުގަނޑުމެންގެ މަސައްކަތް ހުއްޓުވާލުމަށް ކުރާ މަސައްކަތެއް މިއީ،" ކިނބިދޫ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ކިތަންމެ ވަރަކަށް ބިރު ދައްކަން ކަންކަން ކުރި ނަމަވެސް ގާސިމް އިބްރާހީމް ހުންނެވީ އެކަންކަމަށް ބިރުން ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގާސިމް އިބްރާހީމް ހުންނެވީ ގައުމީ ވިސްނުމުަގައި ދިވެހި ރައްޔިތުންނާ އެކު ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ މަގުބޫލު ހަަތަރު ލީޑަރުން ގުޅިގެން މިހާރު ކުރައްވާ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުން މުހިއްމު ކަމަށެވެ. އިދިކޮޅު ލީޑަރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގައި ހާއްސަކޮށް މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް ލިބޭނީ ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ފުލުހުން މިއަދު ސަރުކާރުން ބުނާހާ ކަމެއް ކުރަމުން ނުދާ ކަމަށާއި އޭނާ އަށް އެކަން އިނގޭ ކަމަށެވެ. ފުލުހުންގެ އިދާރާއަށް މީހަކު ހާޒިރުކޮށް ސުވާލުކުރަނީ އެކަން ކުރަންޖެހޭ ހިސާބަށް ދިއުމުން ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫެރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގެންފައިވާ މެންބަރުންނާ ވާހަކަދައްކާ މަޝްވަރާކޮށްގެން އަލުން އެބޭފުޅުން ޖުމްހޫރީ ޕާޓީއަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަަމަށްވެސް ރިޔާޒު ވިދާޅުވި އެވެ. އެގޮތުން އެބޭފުޅުންނަށް ޖުމްހޫރީ ޕާޓީގެ ތެރެއިން ފާހަަގަވާ މައްސަލަތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައިދޭން މަސައްްކަތް ކުރައްވާނެ ކަމަށާއި އަދި މިހާރު ތިއްބެވި މަޖިލިސް މެންބަރުންނަށް އިތުރު ދައުރެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެހެން ޕާޓީ ތަކުގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު ސަރުކާރު ހިންގާ ޕާޓީއަށް ބަދަލުވެވަޑައިގެންފައިވާ މެންބަރުންނާ ވެސް މަޝްވަރާކުރެއްވުމަށް ހަތަރު ލީޑަރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރީ ބަންޑާރަނައިބް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ކަމަށް ރިޔާޒު ވިދާޅުވެފައިވާއިރު ފުލުހުން އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރީ ރައްޔިތުންގެ މަޖިލިސް މެންބަރުންތަކަކަށް ރިޝްވަތު ދެއްވުމަށް އުޅުނު ކަމުގެ ތުހުމަތު ކަމަށް ގާސިމް އިބްރާހީމް ރޭ ވަނީ ވިދާޅުވެފަ އެވެ.
ކުރިން ހޯމް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާހީމް ރޭ ވިދާޅުވީ ފުލުހުން އެމަނިކުފާނާ ދޭތެރޭގައި ރޭ އަމަލުކުރެއްވީ ވަރަށް ޕްރޮފެޝަނަލްކޮށް ވަރަށް ރަނގަޅަށް ކަމަށެވެ. އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ފުލުހުން އަދާކުރެއްވީ ފުލުހުންގެ ގާނޫނީ ވާޖިބެއް ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ މައްސަލަ ތަހުގީގުކުރަން ސުވާލުކުރެއްވި އެއްވެސް ފުލުސް ބޭފުޅަކާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި ރޭ ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެންނެވީ މައްސަލައިގެ ތަހުގީގު ނިންމާ ތަހުގީގު ބަޔާނުގައި ސޮއި ކުރެއްވުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ