ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ކަމަށް ގާސިމް މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ 8:30 ގައި ޕޮލިހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު، މިރޭ 12:00 ޖެހިފަހުން ނިކުމެވަޑައިގެން ގާސިމް ވިދާޅުވީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.
ގާސިމް ވިދާޅުވީ އެއީ އެމަނިކުފާނުގެ ޕާޓީގެ މެންބަރުންނަށް ނިސްބަތްކުރައްވާ ދައްކަވާފައިވާ ވާހަކައެއް ކަމަށާއި އެކަމަކު އެ ވާހަކަ އެކި މީހުންނަށް އެކި ގޮތަށް މާނަކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މިއީ ސިޔާސީ ބޮޑު މަޖާގަނޑެއްގެ ތެރެއިން އަންނަ ކަންކަމޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެއީ މީހަކު ހުށަހަޅާފައި އޮތް މައްސަލައަކާ ގުޅިގެން ހިންގި ތަހުގީގެއް ކަމަށާއި ތަހުގީގު ބަޔާނުގައި މިރޭ ސޮއި ވެސް ކުރައްވާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ތަހުގީގު ކުރިއަށް ދިޔައީ އެކުވެރި މާހައުލެއްގައި ކަމަށާއި ފުލުހުންގެ ފަރާތުން ފެނުނު ކަންކަމާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ފުލުހުން އަދާކުރީ ގާނޫނީ ޒިންމާ ކަމަށާއި ސިޔާސީ ކަންކަމުގައި އުޅޭއިރު "އެކަހަލަ ހުރިހާ ރާޅެއް ވެސް އަންނާނެ" ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިއީ އޭނާ ބިރު ގަންނަވަން ހިންގި ތަހުގީގެއް ކަމަށް ބުންޏަސް ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އޭނާ ބިރުނުގަންނާނެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
(ތަފްސީލް އަންނަނީ)
ގާސިމް ޕޮލިހަށް ހާޒިރުކުރީ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ