ޝިފާގު ޕާޓީން ވަކިވެވަޑައިގަތުމުން ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ - ޔާމީން

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ޕީޕީއެމްއިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމުގެ ސަބަބުން ކޮންމެވެސް އަސަރެއް ކުރާނެ ކަމަށާއި ޕީޕީއެމްއަށް މި ލިބުނީ ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް ހިތާމަކުރައްވާ ކަމަށާއި އެކަމުގެ ސަބަބުން ގެއްލުންވާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ޝިފާގަކީ ޕީޕީއެމް އާއި އެކީގައި ވަރަށް ހަރަކާތްތެރިކޮށް ޕާޓީއަށް ވަރަށް އިހްލާސްތެރިކަމާއިއެކު މަސައްކަތްކުރެއްވި ހީވާގި ކަމާއިއެކު އިންތިހާބުތައް ކާމިޔާބުކުރެއްވުމުގައި ފޫހި ކަމެއް ނެތި ހަލުވިކަމާއި މުރާލި ކަމާއިއެކު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.
އަދި ޝިފާގު ޕާޓީ ދޫކުރައްވާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ސަބަބު ހާމަކުރެއްވި ނަމަ އުފާވީސް ކަމަށާއި ޕާޓީން ވަކިވެވަޑައިގަތުމުގެކުރިން ވާހަކަދައްކާލި ނަމަ އެކަމަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާ ދެވޭތޯ މަސައްކަތްކުރެވުނީސް ކަމަށެވެ.
"އެހެންވީމަ ޝައްކެއް ވެސް ނެތް އަޅުގަނޑުމެންނަށް ލިބުނު ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް، އަޅުގަނޑުމެން ޕާޓީއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ، އެހެންނަމަވެސް ދަންނަވާލަން ބޭނުންވަނީ ރައްޔިތުންގެ މަޖިލިސް ދައުރަށް ވުރެ މިހާރު މުހިންމީ ޕާޓީގެ އާންމު މެންބަރުންނާއި ރައްޔިތުންގެ ދައުރު." ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވި އެވެ.
"އެހެންވީމަ ފުވައްމުލަކު ރައްޔިތުންނަށް ވެސް އަދި ޝިފާގު ދެކެ ލޯބިވާ ޝިފާގުއަށް ޝައުގުވެރިކަން ހުރި އަޅުގަނޑުމެން ޕާޓީ މެންބަރުންނަށް ވެސް ދަންނަވާލަން އޮތީ ހިތްވަރު ގަދަ ކުރައްވާށޭ، އަޅުގަނޑުމެން ގަބޫލު ކުރަމޭ މި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް." ޔާމީން އިތުރަށް ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ޔާމީން ވަނީ މިފަހަރުގެ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށާއި އެހެންކަމުން ފުވައްމުލަކު ރައްޔިތުން ވެސް އަދި ޝިފާގު ދެކެ ލޯބިވާ ރައްޔިތުންނާއި ޕީޕިއެމް މެންބަރުން ވެސް ހިތްވަރުގަދަކަމާއިއެކު ތިއްބެވުމަށް ގޮވާލައްވާފައެވެ.
މިއަދު ޖުމްހޫރީ ގުޅުމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސްޓޯ ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މައުމޫނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ޝިފާގު ވިދާޅުނުވި ނަމަވެސް ޕީޕީއެމް މިހާރު ހިނގަމުން ދަނީ މައުމޫންގެ ސިޔާސަތުތަކާ އެއްގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް އާއި އެއްވެސް މައްސަލައެއް ނެތް ކަން ފާހަގަކުރައްވާ ޝިފާގު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއަށް ގުޅެންޖެހޭ ސިޔާސީ މަންފާއެއް ނޯންނާނެ ކަމަށާއި ތިން ސަރުކާރުގެ ވެސް ތަޖުރިބާ ހުރި ބޭފުޅުން ތިއްބެވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ހަދާފައިވާ ޖުމްހޫރީ ކޯލިޝަންގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ