ރައްޔިތުން ފުލުހުންގެ ހިދުމަތް ބަލައިގަންނަނީ ފުރާނައަށް ބެލުމެއް ނެތި މަސައްކަތްކުރާތީ - ސީޕީ

ދިވެހި ރައްޔިތުން ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު ބަލައިގަންނަ މުހިއްމު އެއް ސަބަބަކީ ފުލުހުން އެބައިމީހުންގެ އަމިއްލަ ފުރާނައަށް ބެލުމެއްނެތި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކޮށްދޭ އަގުހުރި ޚިދުމަތްކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ރ. ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރު މަތީގައި ހުރި ޒުވާނަކު މޫދަށް ވެއްޓި ގެނބެމުން ދަނިކޮށް ފުލުހެއްގެ މަސައްކަތުން އޭނާ ސަލާމަތް ކުރުމުގައި އެހީތެރިވެދެއްވާފައިވާތީ ޕޮލިސް ކޯޕްރަލް މުޙައްމަދު އީމާންގެ އިންސާނީ ޚިދުމަތާއި ޤައުމީ ވާޖިބަށް ހިތްވަރު ދެއްވައި އޭނާގެ ޚިދުމަތަށް ޝުކުރު އަދާކުރުމުގެ ގޮތުން އޭނާއަށް ފޯނުން ގުޅުއްވައި ވާހަކަދައްކަވަމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ފޯނު ކުރައްވައި ދެއްކެވި ވާހަކައިގައި ޕޮލިސް ކޯޕްރަލް މުޙައްމަދު އީމާން ކޮށްދެއްވި ޚިދުމަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕޮލިސް ކޯޕްރަލް މުޙައްމަދު އީމާން ކޮށްދެއްވި ޚިދުމަތުގެ އަގު މުޅި ފުލުހުންގެ މުއައްސަސާއިންނާއި ހުރިހާ ފުލުހުންނާ ފުލުހުންގެ ޢާއިލާތަކުން ވަޒަންކުރާނެ ކަމުގައިވެސް ކޮމިޝނަަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރައްޔިތުންނާއެކު ގުޅިގެން ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ފުލުހުން ދެމިތިބެންޖެހެނީ ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބޭ ބަޔަކަށް ފުލުހުން ވާތީކަމަށެވެ. އެހެންކަމުން ފުލުހެއްގެ ކޮންމެ ވަގުތެއްވެސް ރައްޔިތުންނަށް ޚިދުމަތްކޮށް ޤައުމީ ވާޖިބު އަދާކުރުމުން އެއްކިބާ ނުކުރެވޭނެކަމުގައި ފުލުހުން ޤަބޫލުކުރާ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ޙުސައިން ވަޙީދު ވިދާޅުވީ ފުލުހަކު ފެނުމުން ރައްޔިތުންނަށް ރައްކާތެރިކަން މިއަދު އިޙްސާސްކުރެވެމުންދާ ކަމަށާއި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު އަސާސް ކަން ހުރިހާ ފުލުހުންވެސް ޤަބޫލުކޮށް އެގޮތުގައި މަސައްކަތްކޮށްދިނުމަށް ހުރިހާ ފުލުހުންވެސް ތައްޔާރުގައި އަބަދުވެސް ތިބެން ޖެހޭނެކަމަށެވެ.
ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރުމަތީ ހުއްޓާ މޫދަށް ވެއްޓިފައި ވަނީ 26 އަހަރުގެ ޒުވާނެކެވެ. އޭނާ މޫދަށް ވެއްޓި އޮޔަވަރާއެކު ބޭރަށްދާ މަންޒަރު އެވަގުތު ދުވާފަރު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ވެހިކަލްގައި ތިބި ފުލުހުންނަށް ފެނުމާއެކު ފުލުހުންގެ ވެހިކަލްގައި އިން ޕޮލިސް ކޯފްރަލް މުޙައްމަދު އީމާން ވަނީ މޫދަށް ފުންމާލާ ފަތާފައިގޮސް ގެނބެމުން ދިޔަ ޒުވާނާ ސަލާމަތް ކުރުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިހާދިސާގައި މޫދަށް ވެއްޓި ގެނބެމުން ދަނިކޮށް ސަލާމަތްކުރި މީހާއަށް ލޮނު ބޮވިފައި ވުމުގެ ސަބަބުން ރ.ދުވާފަރު ސިއްޙީމަރުކަޒުގައި ވަނީ ފަރުވާދީފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ދުވާފަރަށް އެރި ނަގޫރޯޅީގެ ސަބަބުން އެވަގުތު ދުވާފަރު ބަނދަރުގައި އަޅާފައި ހުރި ބައެއް އޮޑިދޯނިފަހަރުގެ ވާތަށް ކަނޑައިގެން ދިއުމުގެ އިތުރުން ބަނދަރު މަތީގައި ޕާކުކޮށްފައި އޮތް ކާރެއް ކަހާލައިގެން ގޮސް 30 ފޫޓު ދުރުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހުމުގެ ސަބަބުން ކާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ