ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތައްޔާރީތައް ކުރިއަށް ގެންގޮސްދެއްވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފި އެވެ.
ޕީޕީއެމްގެ މިދިޔަ ރިޔާސީ ޕްރައިމަރީގައިވެސް ވާދަކުރައްވާފައިވާ އުމަރު ނަސީރު މިކަމަށް އެދިވަޑައިގަތީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.
'
އުމަރުގެ ސިޓީގައި ވިދާޅުވީ ޕީޕީއެމްގެ ސަރުކާެރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ އެތައް ކަމެއް ހިނގަމުންދާތީ މައި އިދިކޮޅު ޕާޓީ، އެމްޑީޕީ ގެންދަނީ އެކަމުގެ ސިޔާސީ ފައިދާ ނަގާ 2018ގެ އިންތިހާބަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށެވެ.
"މިއަދުގެ މިހާލަތުގައި ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުގައި 2018ގެ އިންތިހާބަށް ޕީޕީއެމްގެ ނިކުމެއްޖެނަމަ ސިޔާސީ ބައިވެރިޔަކު ނެތި މުޅިން އެކަނިވެރިވެ، ޕީޕީއެމް ނާކާމިޔާބާ ކުރިމަތިލާންޖެހޭނެތީ އަޅުގަނޑު ނުހަނު ކަންބޮޑުވެ އެވެ. މިހެންކަމުން ލަސްނުކޮށް ޕީޕީއެމްއަށް އާ ރިޔާސީ ލީޑާޝިޕެއް ބޭނުންވެ އެެވެ،" އުމަރުގެ ސިޓީގައިވެ އެވެ.
މިސޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދު ބައްޓަން ކުރެވިފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބެއް ކާމިޔާބުކުރުމަށް ނާގާބިލްވެއްޖެ ކަމަށް އާންމު މެންބަރުންނަށް ފެނިއްޖެނަމަ އެ ކެންޑިޑޭޓަކު އާންމު މެންބަރުންގެ ވޯޓަކުން ބަދަލުކުރެވޭނެ ގޮތަށް ކަމަށެވެ. އަދި ޕީޕީއެމްގެ އާންމު މެންބަރުންގެ ރޫހު ހުރީ އާ ރިޔާސީ ކެންޑިޑޭޓަކާއެކު ޕީޕީއެމްގެ 2018 ަށް ނިކުތުމުގެ ވިސްނުމުގައި ކަމަށް ފެންނަ ކަމަށްވެސް އުމަރު ވިދާޅުވެފައިވެ އެވެ.
"1 ޖުލައި 2016ގައި މަނިކުފާނަށް ފޮނުވި ސިޓީއަކުން އަޅުގަނޑު ވާނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް ޕީޕީއެމްގެ ރިޔާސީ ލީޑަޝިޕް އާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަޅުގަނޑު ޝައުގުވެރިކަން ފާޅުކުރިތާ ދެ މަހާއި 20 ދުވަސް ހިގައި ދިޔައިރުވެސް ޕާޓީގެ އަސާސީ ގަވައިދުގެ 69 ވަަނަ މާއްދާގައިވާ ގޮތުގެ މަތިން އެހެން އެއްވެސް ބޭފުޅަކު އެފަަދަ ޝައުގުވެެރިކަމެއް ފާޅުކުރައްވާ އިއުލާންކުރައްވާފައެއް ނުވެ އެވެ،" އުމަރުގެ ސިޓީގައިވެ އެވެ.
އުމަރުގެ މިސޓީގައި އިތުރަށް ވިދާޅުވެފަައިވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އެހެން ބޭފުޅަކު ޕާޓީގައި ނެތް ނަމަ 2018ގެ އިންތިހާބަށް ޕާޓީ އިންތިޒާމުކޮށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް އޭނާ ޝައުގުވެރިވާ ކަމަށެވެ. އަދި މި ޓިކެޓަށް އެހެން ބޭފުޅަކު ޝައުގުވެރިވާނަމަ ޕްރައިމަރީގައި ވާދަކުރުަމަށްވެސް އޭނާ ތައްޔާރަށް ހުންނެވި ކަމަށް އުމަރުގެ ސިޓީ ނިންމާލައްވަމުން ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި 2013 ވަނަ އަހަރު އުމަރާ ވާދަކޮށް ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ހޯއްދެވި ނަމަވެސް ޕީޕީއެމްގެ ކުރިއަށް އޮތް ޕްރައިމަރީގައި ރައީސް ޔާމީން ވާދަކުރެއްވުމާ މެދު އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމްގެ ކައުންސިލް މެންބަރުން ގެންދަނީ ޕްރައިމަރީއެއްގައި ވާދަނުކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރެއްވުމަށް ބާރުއަޅަމުންނެވެ. އެކަމަކު ރައީސް މައުމޫން މިކަމާ ދެކޮޅު ހައްދަވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޕްރައިމަރީއަށް އިންތިޒާމްތައް ހަމަޖައްސައިދޭން އުމަރު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ