އަޅުގަނޑުގެ ވެރިކަމެއްގައި މަތީ ތައުލީމް ހިލޭ ކޮށްދޭނަން: އުމަރު

އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރުގެ ވެރިކަމެއްގައި މަތީ ތައުލީމުގެ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވީ، ޝަރުތު ހަމަވާ އެއްވެސް ކުއްޖަކު، ފައިސާގެ ތަނަވަސްކަން ނެތިގެން މަތީ ތައުލީމުން މަހްރޫވިޔަ ނުދެއްވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ، މަތީ ތައުލީމު ނިންމާ ކޮންމެ ދަރިވަރަކު ރާއްޖޭގައި ޚިދުމަތް ކުރުމަށް ޝަރުތުކޮށް، އޭނާގެ ވެރިކަމެއްގައި ސަރުކާރުން އެ ދަރިވަރަކު ސްޕޮންސާ ކުރާނެ ކަމަށެވެ.
"އަދި ލޯނު ނަގައިގެން، މިހާރު މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންގެ ލޯނުތައް ވެސް މާފުކޮށްދީ، އެ ދަރިވަރުން ވެސް އެ ސްކީމްގައި ބައިވެރި ކުރެވޭނެ،" އުމަރުގެ ވެރިކަމުގައި ގެންގުޅޭނެ މަތީ ތައުލީމުގެ ސިޔާސަތު ވީޑިއޯގެ ޒަރީއާ އިން ހާމަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގަިއ ރާއްޖޭގައި ދީނީ އިލްމުވެރިން އިތުރު ކުރުމަށްޓަކައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދޭނެ އެވެ.
އުމަރު ވިދާޅުވީ، އޭނާގެ ސަރުކާރެއްގެ އަމާޒަކީ ސާނަވީ އާއި މަތީ ސާނަވީ ނިންމާ ކޮންމެ ދަރިވަރަކީ މަތީ ސާނަވީ ހާސިލް ކުރާނެ ދަރިވަރަކަށް ހެދުން ކަމަށެވެ.
"މެދުފަންތީގެ އާއިލާތަކާއި ފުދުންތެރި ނޫން އާއިލާތައް، އެ މީހުންގެ ނިކަމެތިކަމުން ނެރެވޭނީ އެ މީހުންގެ އާއިލާތަކަށް މަތީ ތައުލީމުގެ ފުރުސަތު ހިލޭ ފޯރުކޮށްދީގެން، އެހެން ނޫނީ އާއިލާގެ ނިކަމެތިކަން އެ މީހުންގެ ދަރިންނަށް ވާރުތަ ކުރާނެކަން ކަށަވަރު،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަތޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އުމަރު ދެއްކެވީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ އެވެ.
އެ ނަތީޖާ އަށް ބަލާއިރު، 2014 ވަނަ އަހަރު ފަސްޓް ޑިގްރީ އަށް ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކަށް ނިސްބަތް ވަނީ އެންމެ 12 ޕަސެންޓު ދަރިވަރުންނެވެ. އެ އަހަރު މާސްޓާސް އަށް ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން އަތޮޅުތަކަށް ނިސްބަތް ވަނީ އެންމެ 16 ޕަސެންޓެވެ.
"މާލެ އާއި އަތޮޅުތަކުގައި މަތީ ތައުލީމުގައި މި އޮތް ފަރަގު އިރާދަކުރެއްވިއްޔާ އަޅުގަނޑު ނައްތާލައި، މަތީ ތައުލީމު މުޅި ރާއްޖެ އަށް ފަތުރާލާނަން. މަތީ ތައުލީމް ދިނުމުގެ ގާބިލްކަން ހުރި އަމިއްލަ ފަރާތްތަކަށް ބިން ހިލޭ ދޫކުރުމާއި އިމާރާތް ކުރުމަށާއި ވަސީލަތް ހޯދުމަށް ހިލޭ އެހީ ދިނުމާއި އިމާރާތް ކުރުމަށާއި ތަކެތި ހޯދުމަށް ލުއި ލޯނު ހޯދައި ދިނުމުގައި ސަރުކާރުން އެހީތެރިވާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ނިންމާފައި ވަނީ އޭނާގެ ވެރިކަމެއްގައި، މަތީ ތައުލީމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަކީ ގާނޫނަކުން ކަނޑައަޅާފައިވާ ވަކި މުއައްސަސާ އަކަށް ހެދުމަށެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިިގަނޑު ހިމާޔަތް ކުރުމެވެ.
އުމަރު ވިދާޅުވީ، މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ އިންޑަސްޓްރީ އަކަށް ސަރުކާރުން މަގުފަހިކޮށްދީ، "ރިސާޗް އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ފަންޑް" އެއް ގާއިމް ކޮށްދޭނެ ކަމަށެވެ.
އުމަރު ހާމަކުރެއްވި، މަތީ ތައުލީމުގެ ސިޔާސަތުގައި ވާ ގޮތުން، މަތީ ތައުލީމަށް ދަރިވަރުން ކިޔަވަމުން ދާއިރު، ވަޒީފާ ހޯދުމަށް މަގުފަހި ކުރުމަށްޓަކައި ޚާއްސަ ގާނޫނެއް އެކުލަވައިލާނެ އެވެ.
"ކޮންމެ އަހަރަކު އޯ ލެވެލް އިން ހޮވާލެވޭ ދެ ޖިންސުގެ 100 ކުދިން ރާއްޖެ އިން ބޭރަށް ފޮނުވުމާއި ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން ދުނިޔޭގެ އެންމެ މަތީ ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދެވޭނެ. މަތީ ތައުލީމު ހިލޭ ފޯރުކޮށްދީގެން، ޒުވާން އާ ޖީލެއްގެ ގޮތުގައި ރާއްޖެ އާ މިސްރާބަކަށް ގެންދިއުމަށް އަޅުގަނޑާ އެކު ހިންގަވާ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ