މުޖުރިމުންތަކެއް މުޖުތަމައަށް ދޫކޮށްލަން ރައްޔިތުން ބޭނުމެއް ނުވާނެ: ރައީސް

މުޖުރިމުންތަކެއް މުޖުތަމައަށް ދޫކޮށްލާން ރައްޔިތުން ބޭނުން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. ހދ. ނޮޅިވަރަމު ރައްޔިތުންނާ މުޙާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުށްވެރިންތަކެއް ދޫކޮށްލައި ގައުމުގެ ހަމަޖެހުން ނަގާލައިގެން ގައުމަށް ތަރައްގީ ނާންނާނެ ކަމަށެވެ. އިދިކޮޅަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ވެރިކަމާ ހަވާލުވާ ދުވަހު ޖަލުގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލާނެ ކަމަށް އިދިކޮޅު ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ވާހަކައަށް ރައްދުދެއްވައި ރައީސް ޔާމީން ވިދާޅުވީ ކުށްވެރިންގެ ހައްގުތަކެއް ވާފަދައިން މައުސޫމުންގެ ހައްގުތަކެއްވެސް ވާކަމަށާއި ޖަލުގައި ތިބި މީހުން ދޫކޮށްލުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ، އެއްވެސް މީހަކަށް އަދަބު ދެނީ ދޭ ހިތުން ނޫންކަމަށާއި އަދަބު ދެނީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ. "ރަނގަޅު ތަރުބިއްޔަތަކާއެކު ނިކުންނަ ބަޔަކު ކުށްތަކަކަށް އަރައެއް ނުގަންނާނެ. އެހެން ބައެއްގެ ހައްގުތަކަށް އަރައެއް ނުގަންނާނެ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލު ކުރައްވާގޮތުގައި ކުށްކުރާ މީހުންގެ ތެރެއިން އިހުސާންތެރިކަމެއް އޮންނަން ޖެހޭނީ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާން ކުދިންނަށް އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ. "މަސްތުވާތަކެތިން އެ ކުދިން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެން އެހީ ވާންވާނެ. ކޮންމެ ސަރުކާރަކުން ވެސް ގިނަ މަޝްރޫއުތަކެއް ހިންގާ [މިފަދަ ކުދިންނަށް އެހީވުމަށް]. މިސަރުކާރުގައިވެސް ވަރަށް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ނޫން އެހެން ކުށްވެރިންނަކީ އަމާން ކަމަށް އެޅޭނެ ހުރަހެއް ކަމަށެވެ. "ދަރިން ރަނގަޅު ތައުލީމެއް ދިނުމާއި ރަނގަޅު ތަރުބިއްޔަތެއް ދިނުމާއި ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ދީ ދައުލަތުގެ ކަންކަމާ ހަވާލުވެ ދޮށީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ބަޔަކަށް ވާއިރު މި މަފްހޫމްއަކާ ނުގުޅޭ ކުށްވެރިން ދޫކުރާ ވާހަކަ ދެއްކުުމަކީ، މިއީ ގުޅޭ ކަންކަމެއް ނޫން. ރަނގަޅު ތަރުބިއްޔަތަކާއެކީ ނިކުންނަ ބަޔަކު ކުށްތަކަކަށް އަރައެއް ނުގަންނާނެ. އެހެން ބައެއްގެ ހައްގުތަކަކަށް އަރައެއް ނުގަންނާނެ، އެއީ އޭގެ ޒާތުގައި އެހާ އަޑު އަހާ ހިތްވާނެ ވާހަކައެއް ނޫން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ