ކަރަންޓުގެ އަގާބެހޭގޮތުން ދޮގު މަޢުލޫމާތު ނުފެތުރުމަށް ގޮވާލައިފި

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށްޓަވާފައިވާ ކަރަންޓްގެ އާ ޓެރިފް ރޭޓާ ގުޅޭގޮތުން ޢާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދޭގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުވުމަށް އެނަރޖީ އޮތޯރިޓީން މީޑިޔާތަކާއި ޢާންމު ފަރާތްތަކަށް އިލްތިމާސްކުރައްވައިފިއެވެ.އެނަރޖީ އޮތޯރިޓީން ވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަރަންޓްގެ އާ ޓެރިފްރޭޓަށް ޢަމަލުކުރުމަށް ހުއްދަދެއްވާފައެވެ. އެ އޮތޯރިޓީން ވިދާޅުވީ މިޓެރިފްރޭޓާބެހޭ ގޮތުން ކަމާގުޅޭ ޞައްޙަ މަޢުލޫމާތު ގެނެސްދިނުމަށް މީޑިޔާތަކަށާއި، ރާއްޖޭގެ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާކަމަށެވެ.އާ ޓެރިފްރޭޓް އެކުލަވާލާއްވާފައިވަނީ ކަމާބެހޭ މުއައްސަސާތަކާއި ފަންނީ  ބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ގިނަދުވަސްތަކެއް ވަންދެން މަޝްވަރާކުރެއްވުމަށްފަހު ހަމައެކަނި ގޭބިސީތަކުގެ ކަރަންޓް ބިލަށް އަސަރުކުރާނެ ގޮތުގެ މަތިންކަމަށެވެ. އަދި މިބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށްވެސް އެނަރޖީ އޮތޯރިޓީން ވިދާޅުވެއެވެ.އެނަރޖީ އޮތޯރިޓީން ކަރަންޓްގެ އަގަށް ބަދަލުގެންނަވާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެފަދަ ގޮތަކަށް، އަދި ޢާންމުންގެ ކެރިފޯރުންތެރިކަމާއި، ރާއްޖޭގެ ތިމާވެއްޓާއި މުސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރައްވަމުންދާ މަސައްކަތްތަކަށްވެސް ރިޢާޔަތްކުރައްވައިގެން ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. މިގޮތުން މިބަދަލުގެ ސަބަބުން މާލެއާއި ވިލިނގިލި އަދި ހުޅުމާލެ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ސަރަޙައްދެއްގައި އެއް ރޭޓަކުން ކަރަންޓްގެ ޚިދުމަތް ދެއްވުމަށް މަގުފަހިވެގެންދާނެކަމަށް އެނަޖީއޮތޯރިޓީން ވިދާޅުވިއެވެ.އާ ޓެރިފް ރޭޓް ހެއްދެވުމުގައި، ރަށްރަށުގައި އަސާސީ ޚިދުމަތް ޤާއިމުކުރެއްވުމަށާއި، އެޚިދުމަތްތައް ތަރައްޤީކުރެއްވުމަށް މަގުފަހިވާނެގޮތަށާއި ދައުލަތް ހިންގުމުގައި ޚަރަދުކުޑަކުރުމަށްވެސް އިސްކަންދެއްވާފައި ވާނެކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. މިގޮތުން އާ ޓެރިފްރޭޓްގެ ސަބަބުން މިޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ލިބިގަންނަ ފަރާތްތަކަށް ބަޖެޓުން އެހީގެ ގޮތުގައިދޭ ފައިސާގެ ތެރެއިން 500 މިލިޔަނެއްހާ ރުފިޔާ ކެޕިޓަލް އިންވެސްޓްމެންޓްތަކަށް ބޭނުންކުރެވޭނެ މަގުފަހުވެފައިވާކަމަށް އެނަރޖީ އޮތޯރިޓީން ވިދާޅުވިއެވެ. މީގެ އިތުރުން މިބަދަލުގެ ސަބަބުން އާންމުންގެ ކަރަންޓް ބިލްތަކަށް އިތުރުވެގެންދާ މިންވަރަކީވެސް އާންމުންގެ ކެރިފޯރުންތެރިކަމަށް ބަލާއިރު، ބޮޑު އިތުރުވުމެއް ނޫންކަމަށާއި، މިރޭޓަށް ޢަމަލުކުރުން ކުރިޔަށް ގެންދެވުމުގައި ހުރިހާ މުއައްޞަސާތަކާއި ޢާންމު ފަރާތްތަކުގެވެސް އެއްބާރުލުން ދެއްވުމަށް އެނަރޖީ އޮތޯރިޓީން އެދިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ