ރާއްޖޭގައި ޓީބީ ބަލިޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދަކީ، މުޅި ދުނިޔޭގައި އަހަރަކު ފެންނަ ޓީބީ ބަލިމީހުންގެ ތެރެއިން ނިސްބަތުން އެންމެ ގިނަ މީހުން ފެންނަ ސަރަޙައްދެވެ. މިގޮތުން މުޅި ދުނިޔޭގެ ޓީބީޖެހޭ މީހުން 58 އިންސައްތަ ދިރިއުޅެނީ މި ސަރަޙައްދުގައިކަމަށް ވޭތުވެދިޔަ އަހަރުގެ ގްލޯބަލް ޓީބީ ރިޕޯޓުން ދައްކައެވެ.
ދިވެހިރާއްޖެއަކީ ޓީބީ ބަލި ޖެހިފައިވާ މީހުން ނިސްބަތުން މަދު ޤައުމެކެވެ. 1966 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގައި 10،952 މީހަކު ވަނީ ޓީބީ ޖަރާސީމު ހުރެގެން ފަރުވާ ކުރުމަށްޓަކައި ރަޖިސްޓްރީކޮށްފައެވެ. އޭގެ ތެރެއިން 5،423 މީހުންނަކީ ކުޅުން ޓީބީ ބަލީގެ ޖަރާސީމު ފެނި، ފުއްޕާމެއަށް ޓީބީ ބަލިޖެހިފައިވާ މީހުންނެވެ. އަދި 5529 މީހުންނަކީ ކުޅުން ޓީބީ ބަލިގެ ޖަރާސީމު ނުފެންނަ އެހެންނަމަވެސް ހަށިގަނޑު އެހެން ގުނަވަނަކަށް ޓީބީ ބަލި ޖެހިފައިވާ މީހުންނެވެ.
ޓީބީ ބަލި ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެތެރެއިން ކުޅުގައި ޖަރާސީމު ހުންނަ ބަލިމީހުންގެ ފަރާތުންނެވެ. ރާއްޖޭގެ ފަހުގެ ތާރީޚަށް ބާލައިރު، 2012 ވަނަ އަހަރު 110 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، 2013 ވަނަ އަހަރު 113 މީހަކަށް ވަނީ ޓީބީ ބަލި ޖެހިފައެވެ. އަދި 2014 ވަނަ އަހަރު 132 މީހުން ވަނީ ޓީބީ ޖެހިގެން ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނޭކަމަށް އެޗްޕީއޭ އިން މަޢުލޫމާތުދެއްވައެވެ.
ވޭތުވެދިޔަ އަހަރު ޓިބީ ބަލީގެ 156 މީހުން ރަޖިސްޓްރީކުރެވިފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޅުން ޓީބީ ބަލިގެ ޖަރާސީމު ނުފެންނަ އެހެންނަމަވެސް ހަށިގަނޑު އެހެން ގުނަވަންތަކަށް ޓީބީ ބަލި ޖެހިފައިވާ މީހުންނެވެ. މިފަދަ ނުވަދިހައަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކުރެވިފައިވާއިރު، ކުޅުގައި ޖަރާސީމު ހުރި ފަސްދޮޅަހަށްވުރެން ގިނަ މީހުން ޓީބީ ކޮންޓްރޯލް ޕްރޮގްރާމްގައި ވަނީ ރަޖިސްޓްރީކޮށް ފަރުވާދޭން ފަށާފައެވެ.
ރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މިސަރަޙައްދުގެ އެންމެ ގިނައިން ޓީބީ ފެންނަ ޤައުމުތަކުން ކަމަށްވާއިރު، ރާއްޖޭގައި ޓީބީ ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި އެންމެ މުޙިއްމު ކަމެއްދީގެން ސްކްރީންކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ބިދޭސީން ހިމެނޭކަން އެޗްޕީއޭ އިން ފާހަގަކުރައްވައެވެ.
ވޭތުވެދިޔަ އަހަރު ބިދޭސީންގެ ތެރެއިން ގާތްގަނޑަކަށް ވިއްސަކަށް ޓީބީ ބަލީގެ ކޭސް ވަނީ ރެކޯޑްކުރެވިފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ޓީބީ ކޮންޓްރޯލް ޕްރޮގްރާމް ރާއްޖޭގައި ފެށުނު އިރާއި އަޅާބަލާއިރު ޓީބީ ކޮންޓްރޯލްކުރެވިފައިވާކަމަށެވެ. ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ ޚާއްސަކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަކީ ސިއްޙީ ޚިދުމަތް ލިބިގަތުމަށް ފަސްޖެހޭ އަދި ސިއްޙީ ޚިދުމަތްތައް އެމީހުންނާއި ހަމައަށް ވާސިލްކުރަން އުނދަގޫ ފަރާތްތައްކަމަށްވުމުން އެދަތިތަކާއި ކުރިމަތިލާންޖެހޭކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމުން ދަނީ ބަލި ހުންނަ މީހުން އަވަހަށް ދެނެގަނެ، ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރުމާއި، އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގަމުންނެވެ. އަދި ގިނަ މީހުން އެއްކޮށް ދިރިއުޅެމުންދާ ތަންތަން ސްކްރީންކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިބައްޔަކީ އަވަހަށް ދެނެގަނެ، ޤަވާޢިދުން ފަރުވާ ކުރެވިއްޖެނަމަ މުޅިން ފަސޭހަވާ ބައްޔެކެވެ. ދުނިޔޭގެ ޓީބީ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން މިއަހަރު ކަނޑައަޅުއްވާފައިވަނީ "ޔުނައިޓް ޓު އެންޑް ޓީބީ" ނުވަތަ ޓީބީ ނައްތާލަން އެންމެން ގުޅިގެން މަސައްކަތްކުރުމެވެ.
ޓީބީއަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން- އެޗްޕިއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ