ގއ އަތޮޅަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީ އެއަތޮޅުގެ ރައްޔިތުން ބަލައިގަނޭ- ޖަމީލް އުސްމާން
ގއ.އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީ އެރަށްތަކުގެ ރައްޔިތުން ބަލައިގަންނަ މިންވަރު ހާމަވެފައިވާ ކަމަށް ގއ.ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ޖަމީލް އުސްމާން ވިދާޅުވީ، ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ގއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި، އެއަތޮޅުގެ ރައްޔިތުންގެ ފަރާތުން ޑރ.ޝަހީމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. ޖަމީލް އުސްމާން ވަނީ ގއ އަތޮޅަށް ޑރ.ޝަހީމް ކުރައްވަމުން ގެންދަވާ ދަތުރުގައި ބައިވެރިވެވަޑައިގެން ބައެއް ރަށްތަކަށް ޑރ.ޝަހީމްއާއެކު ވަޑައިގެންފައެވެ. ޖަމީލް އުސްމާން ވިދާޅވީ ރަށްތަކުން ޑރ.ޝަހީމަށް ލިބެމުން އަންނަ ތަރުހީބުން ހާމަކޮށްދެނީ، ރައީސް ޔާމީންއަށް އޮތް ތާއީދުކަމަށެވެ. ޖަމީލް އިތުރަށް ވިދާޅުވީ ރަށްރަށުން ޑރ.ޝަހީމަށް ތާއީދު ކުޑަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކުގައި އެއްވެސް ހަޤީޤަތެއް ނެތް ކަމަށެވެ. ޑރ.ޝަހީމް އަކީ ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ދީނީ އިލްމުވެރިއެއް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. ގއ އަތޮޅުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.ޝަހީމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ޖަމީލް އުސްމާން ފާހަގަކުރެއްވިއިރު، އެއަތޮޅުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. އެގޮތުން ގެމަނަފުށީގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތާއި، އެރަށުގެ ބަނދަރު ހަދާ، ބަނދަރުގައި ބޭރުތޮށި ލުމާއި، ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ޤާއިމް ކުރުމުގެ މަޝްރޫޢު އަކީ މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކެކެވެ. ކޮނޑޭގައި ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު، ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ޤާއިމް ކުރުމާއި، ފުޓްސެލްދަނޑުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު އަދި ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ނިމިފައި. ޑރ.ޝަހީމް މިއަދު ވަނީ ގއ.ކޮނޑޭ އަދި ކަނޑުހުޅުދޫއަށް ވަޑައިގެންފައެވެ. އަދި މިހާތަނަށް، ގއ.ވިލިނގިލި، ކޮލަމާފުށި އަދި ދެއްވަދޫއަށް ވަޑައިގެން އެރަށްތަކުގެ ރައްޔިތުންނާއި ޑރ.ޝަހީމް ވަނީ ބައްދަލު ކުރައްވާފައެވެ. ޑރ.ޝަހީމް ކުރިއަށް ގެންދަވާ ދޮރުން ދޮރަށް ކެމްޕެއިނުގައި، ގއ އަތޮޅުގެ ރައްޔިތުންނަށް ދަތިވާ ގިނަ ކަންތައްތަކެއް އޮޅުންފިލުއްވާފައިވެއެވެ. އަދި އެރަށްތަކުގައި އުޅުއްވާ ޕީޕީއެމްގެ އިސް ބޭފުޅުންނާއި ޑރ.ޝަހީމް ވަނީ ބައްދަލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ