ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ވަކީލުންނަށް ކޮންމެ ދުވަހަކު ވެސް ނަޝީދާ ބައްދަލުކުރެވޭ ގޮތް ހަަދައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިމެންދެން އެމަނިކުފާނުގެ ގާނޫނީ ޓީމަށް ކޮންމެ ދުވަހަކުވެސް ނަޝީދާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު އެގޮތަށް ނިންމަވާފައިވާ ކަން ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވެސް ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިމެންދެން އެމަނިކުފާނުގެ ގާނޫނީ ޓީމަށް ކޮންމެ ދުވަހަކުވެސް ނަޝީދާ ބައްދަލުކުރެވޭ ގޮތް ހޯމް މިނިސްޓްރީން ހަމަޖައްސައިދީފައި މިވަނީ އެމަނިކުފާނާ ބައްދަލުވާ ވަގުތު އިތުރުކޮށްދިނުމަށް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު އެދިފައިވަނިކޮށެވެ.
ރައީސް ނަޝީދާ މާފުށި ޖަލުގައި މިއަދު ބައްދަލުކުރެއްވުމަށްފަހު މާލެ ވަޑައިގެން ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ ހަސަން ލަތީފް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ވީހާވެސް އަވަހަށް ސުޕްރީމް ކޯޓަށް ހުށަހަޅަން އެ ބޭފުޅުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ނަޝީދާ ބައްދަލުކުރަން ލިބޭ ވަގުތު އިތުރުކޮށްދީގެންނާއި ޖަލުގައި ނަޝީދާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދީގެން ކަމަށެވެ.
ޝަކުވާ ކުރަން ބޭނުން ނުވާ ކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ މިދިޔަ ހޯމަ ދުވަހާއި މިއަދު ވެސް ރައީސް ނަޝީދާ ބައްދަލުކުރަން ސަރުކާރުން ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ލިބޭ ދެގަޑިއިރުގެ ވަގުކޮޅަކީ ނަޝީދުގެ މައްސަލައިގެ ލިޔެކިޔުންތަކާއި މެދު ހިޔާލު ބަދަލުކޮށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް މާކުޑަ ވަގުތުކޮޅެއްް ކަމުގައިވެސް ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރާ އުސޫލުން ނަމަ ޖަލުގައި ހުންނަ ގައިދީއަކާ ބައްދަލުކުރަން ވަގުތު ދެވޭނީ ކޮންމެ ހަފްތާއަކު އެއް ފަހަރު ދެ ގަޑިއިރަށެވެ.
ހަސަން ލަތީފް ވިދާޅުވީ ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅެންދެން ކޮންމެ ދުވަހަކުވެސް އެމަނިކުފާނާ އެކު ހަތަރު ފަސް ގަޑިއިރަށް ބައްދަލުކުރަން ބޭނުންވާ ކަމަށެވެ. އަދި ޖަލުގައި މޭޒަކާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކާއި އެކު މަސައްކަތް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ. ނަޝީދުގެ މައްސަލައާއި ގުޅޭ 800 ވަރަކަށް ސޮފްހާގެ ލިޔެކިޔުން ހުރުމުން އެހާ ބޮޑު މައްސަލައެއްގެ ލިޔެކިޔުންތައް ނިންމާ އަވަހަށް ސުޕްރީމް ކޯޓަށް ދެވޭނީ ވީހާވެސް ގިނަ ވަގުތު ނަޝީދާއެކު މަސައްކަތް ކުރެވިގެން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ގާނޫނީ ޓީމުން މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިސާމްއާ ވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ނަޝީދުގެ މައްސަލަ އަވަހަށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅޭގޮތުން ކުރެވިދާނެ ކަންކަން ކުރުމަށް ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ