ކަޝްމީރުގަ މުޒާހަރާތައް އިންތިޒާމުކުރައްވާ ކަމުގެ ތުހުމަތުގައި މިރުްވައިޒް އުމަރު ފާރޫޤް ހައްޔަރުކޮށްފި

ކަޝްމީރުގެ އިންޑިއާ ފަޅީގައި މުޒާހަރާތައް އިންތިޒާމުކުރައްވާ ކަމުގެ ތުހުމަތުގައި މިރުްވައިޒް އުމަރު ފާރޫޤް ހައްޔަރުކޮށްފިއެވެ.
އިންޑިއާ ފުލުހުން ބުނެފައިވަނީ މިހާރުވެސް ގޭބަންދުގައި ހުންނެވި އުމަރު ފާރޫޤް ހައްޔަރުކޮށް ސްރީނަގަރުގައި ހުރި ސަރުކާރުގެ އިމަރާތެއްގައި ބަންދުކޮށްފައިވާ ކަމަށެވެ. އަދި އުމަރު ފާރޫޤް ހައްޔަރުކުރީ ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާ އާއި ދެކޮޅަށް މުޒާހަރާތައް އިންތިޒާމުކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ އުމަރު ފާރޫޤް ކަމަށްވާތީ ކަމަށެވެ.
ކަޝްމީރުގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް ސިފައިން ހަމަލާދިނުމުން 60 އަށްވުރެ ގިނަ ޢާންމު ރައްޔިތުން ވަނީ މަރުވެފައެވެ. އަދި އެތައް ހާސް ބައަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ކަޝްމީރުގެ ޗީފް މިނިސްޓަރ މަޙްބޫބާ މުފްތީ ވަނީ މިދިއަ ހޮނިހިރު ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވައި ވީހައި އަވަހަކަށް ކަޝްމީރުގެ މައްސަލައިގައި މަޝްވަރާތައް ފަށްޓަވައިދެއްވުން އެދިވަޑައިގެންފައެވެ. މި މަޝްވަރާތަކުގައި ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ޕާކިސްތާނު ވެސް ބައިވެރިކޮށްދެއްވަން މަޙްބޫބާ ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ