ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސްކަން ހިޔަލީ އަށް

ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސް ކަމަށް ހިޔަލީ މުހައްމަދު ރަޝީދު އިންތިހާބުކޮށްފި އެވެ.
މިއަދު ހަވީރު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި ހިޔަލީ އަށް ވަނީ ހަތް ވޯޓެވެ. އޭނާއާ ވާދަކުރެއްވި ވީޓިވީގެ އަމީން އިބްރާހީމަށް ލިބިވަޑައިގަތީ ހަ ވޯޓެވެ.
ޖުމުލަ 15 މެމްބަރުން ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނާއިބް ރައީސަކަށް ހޮވިވަޑައިގަތީ އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލެވެ.
ކުލަބް ވެލެންސިއާ ހިންގެވުމުގައި ފާއިތުވެދިޔަ 34 އަހަރު ހޭދަކުރައްވާފައިވާ ހިޔަލީ އަކީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނާއިބް ރައީސް ވެސްމެ އެވެ. ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ހިޔަލީ އަކީ އައްޑުއަތޮޅުގެ ކުރީގެ މެމްބަރުވެސްމެ އެވެ.
ކުޅިވަރުގެ ގައުމީ މަޖިލީހަށް އާ ރައީސަކު އިންތިހާބުކުރީ މިހާރުގެ ކުޅިވަރާ ބެހޭ ވަޒިރު މުހައްމަދު ހުސައިންޝަރީފު އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަތުމުންނެވެ. މިހެންވެ މަޖިލީހުގެ ގަވާއިދަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ