ލޭ އެޅި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ: މައުމޫން

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް ދިވެހި އަންހެނެއްގެ ގަޔަށް އެޗްއައިވީއަށް ޕޮޒިޓިވް ލޭ އެޅި މައްސަަލައިގައި ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ މައްސަލަައެއް ކަމަށެވެ. އަދި މި ފަދަ ކަންތައްތައް ކުރިއަށް އޮތް ތަނުގައި ދިމާވިޔަ ނުދިނުމަށް މިކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
"ހިނގައި ދިޔަ ކަންތައްތަކުގެ މައުލޫމާތު އަޅުގަނޑަށް ލިބުނީ ކުއްލި ސިހުމާއި ފުން ހިތާމައާއެކު،" އެ މަނިކުފާނު ކުރެއްވެވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވެ އެވެ.
މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނަކު ސަސްޕެންޑްކޮށް، މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުން ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލުގެ ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށާއި އެ ލޭ ގެ ސަބަބުން އެ މީހާއަށް އެއިޑްސް ޖެހިފައި ހުރިކަން އެނގުނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން ހަބީބު ވިދާޅުވީ މިކަން ހިނގާފައިވަނީ އައިޖީއެމްއެޗްގެ އެންމެ މުވައްޒަފެއްގެ އިހްމާލުން ކަމަށާއި، ދެން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ އިހްމާލުވި މުވައްޒަފަކީ ހޮސްޕިޓަލްގައި މަސައްކަތް ކުރާތާ އަށް އަހަރުވެފައިވާ މުވައްޒަފެއް ކަމަށާއި މީގެ ކުރިން މި މުވައްޒަފުގެ މައްސަލަތަކެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ