ޔާމީންގެ ވެރިކަމުގައި މައުމޫން ރާއްޖެއިން ބޭރުގައި ބަހައްޓަވާނެ: ނަޝީދު

ޕީޕީއެމްގެ ސަރުކާރު ދެމި އޮންނާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި މިހާރު މި ފެންނަނީ ޕީޕީއެމް ވެސް ދެބައިވަމުންދާ މަންޒަރު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދިން ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިމެނުނު ޖުމްހޫރީ ޕާޓީ ސަރުކާރުން ވަކިވުމާއި ހިސާބުން ފެށިގެން ރައީސް ޔާމީންގެ ބާރު ސަރުކާރުގައި ގެއްލިފައިވާ ކަމަށެވެ. އަދި ޕީޖީ އަކު އައްޔަންކުރުމުގެ މައްސަލައިގައި އެއްބަފާ ބޭބެފުޅާ އަދި ކުރީގެ ރައީސް މައުމޫނާ ދިމާވި ހިޔާލު ތަފާތުވުމާއި ގުޅިގެން ރައީސް ޔާމީންގެ އާއިލާގެ ތެރޭގައި ވެސް އެމަނިކުފާނާ ދެކޮޅުވެރިކަމެއް އުފެދިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫނަކީ ރައީސް ޔާމީންގެ އާއިލާގެ ބޭފުޅަކަށްވީ ނަމަވެސް މިހާރު އުފެދިގެން އުޅޭ ހިޔާލު ތަފާތުވުން ތަކާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ރާއްޖެއިން ބޭރުގައި ބަހައްޓަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ދިވެހި ތާރީހުގައި ސިޔާސީ ކަންކަން ހިނގާފައި ހުރި ގޮތުން އެއީ ނުވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެކަމުގެ މިސާލު ވެސް ދައްކަވާފަ އެވެ.
"ރާއްޖޭގެ ތާރީހަށް ބަލާއިރު ރަންނަބަނޑޭރި ކިލެގެފާނު ރާއްޖެ އިން ބޭރުގައި ހުންނެވިއިރު ވެސް ރާއްޖޭގެ ވެރިކަމުގައި ތިއްބެވީ ދުރު ބޭފުޅުންނެއް ނޫން. އިބްރާހިމް ދީދީ ބޭރުގައި ހުންނެވިއިރު ވެސް ވެރިކަމުގައި ތިއްބެވީ ދުރު ބޭފުޅުންނެއް ނޫން. އަޅުގަނޑު ދަންނަވާނީ ޕީޕީއެމްގެ ހަމަނުޖެހުން އިންތިހާ އަށް އުފުލިގެންދާ ތަން ފެންނާނެ. މި ސަރުކާރެއް އަޅުގަނޑަކަށެއް ނުފެނޭ ދެމިއޮންނަ ތަނެއް،" ނަޝީދު ވިދާޅުވި އެވެ.
އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅޭ ގޮތުން ވެސް ރައީސް ނަޝީދު ވަނީ ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަސްބުނިލެއް މާބޮޑަށް ލަސްކޮށްފައިވާ ކަމަށެވެ. ދިވެހިރާއްޖެ އަކީ އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ އިސް މެންބަރަކަށްވާއިރު ބަސް ބުނުން ލަސްވެގެން ނުވާނެ ކަމުގައި ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނީ ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ދިވެހި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު ތަކަށް ނަޝީދު ވަނީ މި ޕްރޮގްރާމްގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެވާހަކަތަކަކީ އިހު ޒަމާނުގެ ބޯދާ ވާހަކަތަކެއްގެ އިތުރުން "ކާޓޫން" ވާހަކަތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ގައުމު ހަލަބޮލިކޮށްލަން އެއްވެސް ފަރާތަކަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވީ އެ ދައްކަވަނީ ހައްގުތަކެއް ހިފަހައްޓަވާނެ ކަމުގެ ވާހަކަ ކަމަށާއި ދިވެހި ރައްޔިތުން އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އެ ވިދާޅުވަނީ އެއްވެ އުޅުމުގެ މިނިވަންކަން ރާއްޖޭގެ ރައްޔިތުންނަށް ލިބުމަކަށް ޖާގައެއް ނުދެއްވާނަމޭ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެ ބޭފުޅާ ޖާގަ ނުދެއްވާ ކަމަށްވަންޏާ އަޅުގަނޑުމެން ވަރަށް ސާފުކޮށް ރައީސް ޔާމީނަށް ދަންނަވަން ޖެހޭނީ ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އަޅުގަނޑަށް ޔަގީން ކަށަވަރު ދިވެހިން އަދިވެސް ތެދުވާނެކަން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ކިތަންމެ ގިނަ މަޝްރޫއު ތަކެއްގެ ވާހަކަ ދެއްކެވި ނަމަވެސް އެކަންކަން ހަގީގަތަކަށް ނުވާނެ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށްޓަކައި އަދި އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ދައުލަތުގެ ދަރަނި ބޮޑުވެ ގައުމުގެ އިގްތިސޯދު ފެންނަނީ ބަނަކޮށް ކަމުގައި ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ