ސައުދީން ދަނީ ގަތަރުގެ ރައްޔިތުން އުމްރާގެ އަޅުކަން އަދާކުރުމަަށް ހުރަސް އަޅަމުން: ރިޕޯޓް

ދޯހާ (05 ޖެނުއަރީ): ސައުދީން ދަނީ ގަތަރުގެ ރައްޔިތުން އުމްރާގެ އަޅުކަން އަދާކުރުމަަށް ހުރަސް އަޅަމުން ކަމަށް ގަތަރުގެ ނޫހެއް ކަމަށްވާ އަލް ރަޔާގެ ރިޕޯޓެއްގައި ބުނެފި އެވެ. އަލް ރަޔާ އިން ބުނީ ސައުދީން ދަނީ މަގުބޫލު އުޒުރެއް ނެތި އުމްރާގެ އަޅުކަން އަދާކުރުމަށް އެ ގައުމަށްދާ ގަތަރުގެ ރައްޔިތުންނަށް ހުރަސް އަޅަމުން ކަމަށެވެ. ޓެރެރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީ އާއި އެ ގައުމުގެ އެކުވެރި ބައެއް އަރަބި ގައުމުތަކުން ވަނީ ގަތަރާ ގުޅުން ކަނޑައިލައިފަ އެވެ. އެ ގޮތުން އެ ގައުމުތަކުގެ އެއްގަމާއި ކަނޑާއި އަދި ވައިގެ ސަރަހައްދުތައް ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރުގެ ރައްޔިތުންނަށް އުމްރާވުމުގެ މައްސަލަތައް ދިމާވާން ފެށީ އޭގެ ފަހުންނެވެ. އަލްރަޔާ އިން ބުނީ އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ގަތަރުގެ 20 މީހަކު ސައުދީން މިދިޔަ ހަފްތާގައި ޑީޕޯޓްކޮށްލައިފައިވާ ކަމަށެވެ. ގަތަރުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ބިން ހާމިދު އަލް މޮހަނާދީ ކުރި ޓުވީޓެއްފައި ބުނީ އޭނާ އުމްރާގެ އަޅުކަން އަދަކުރުމަށް ސައުދީއަށް ދިޔަ ކަމަށާއި ނަމަވެސް ސައުދީން އޭނާގެ އަޅުކަމަށް ހުރަސް އެޅި ކަމަށެވެ. ސައުދީން ވަނީ ގަތަރުގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. "އުމްރާގެ އަޅުކަން އަދާކުރުމުގައި ގަތަރުގެ ރައްޔިތުންނަށް ހުރަސް އަޅާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް." ސައުދީން ބުންޏެވެ. މަސްދަރު: އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ