ހައިވޯލްޓޭޖު ނެޓްވޯކަށް ކަރަންޓު ވިއުގަ ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަަަށް: ޝިފާއު

ހއ.އިހަވަންދޫ ކަރަންޓުގެ ނެޓުވޯކު އެޗްވީ ނެޓުވޯކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
އިހަވަންދޫ އިންޖީނުގޭގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ޝިފާއު ވިދާޅުވީ، އިހަވަންދޫ ކަރަންޓުގެ ނެޓްވޯކް ހައިވޯލްޓޭޖު ނެޓްވޯކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތްވެސް ކައިރި މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށާއި އެމަސައްކަތުގެ ލިޔެކިޔުންތަކުގެ މަސައްކަތްދަނީ ނިމެމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެއްވެސް ބުރައަކާއިނުލާ ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ޔުޓިލިޓީގެ ޚިދުމަތްތަކުގެ ވަރަށް ބޮޑު މަސައްކަތްތަކެއް މިވަގުތު އިހަވަންދޫގައި ކުރިއަށްދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، މަސްވެރިންނަށް ރަށުގެ ޖެޓީން ކަރަންޓާއި ބޯފެން ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށާއި ރަށުގެ ކަރަންޓުގެ ނެޓުވޯކު އެޗްވީ ނެޓުވޯކަށް ބަދަލުކުރެވިގެން ދާނެ ކަމަށެވެ.
މިފަދަ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ވަރަށްގިނަ ބަޔަކު ލާމެހި ގުޅިގެން ކަމަށާ މިއީ އެއްވެސް ބަޔަކު، އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކޮށްގެން، ފުރައްސާރަކޮށްގެން ކުރިއަށްގެންދެވޭނެ ކަންކަމެއް ނޫންކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އިހަވަންދޫ އިންޖީނުގޭގެ އައު އޮފީސް އިމާރާތާ ގުޅޭގޮތުން އެރަށު ކައުންސިލުން ބުނީ އައު އޮފީސް އިމާރާތްކުރަނީ ދެ ފަންގިފިލާއަށް ކަމަށާއި މިއިމާރާތަކީ 40 މީހުންގެ ޖާގައިގެ އޮފީހެއް ކަމަށެވެ.
މި އޮފީސް އިމާރާތާއެކު ތަނުގެ ޚިދުމަތްތައް ފުޅާކުރެވި ކަސްޓަމަރުންނާއި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދެވޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ