ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

ރާއްޖެއަށް އެތެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރަށް ފޮނުވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ރަނގަޅު ކުރުމުގެ އުޞޫލުތައް ކަނޑައަޅައިފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ތަސްދީޤު ކުރައްވައިފިއެވެ.މިބިލަކީ މިމަހުގެ 13 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.މި ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި، އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ޞިއްޙީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނެވެ.މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ކާބޯތަކެތި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ލޭބަލްކުރާ، ނުވަތަ ރައްކާކުރާ، ނުވަތަ ގުދަންކުރާ، ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ، ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ތަންތަން ހިންގުމުގެ ހުއްދަދިނުމުގެ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެނޫންވެސް ފަރާތްތަކުން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލު ވަނީ މިއަދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށާނީ މިއަދުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ