ރޯދަ މަހުގެ ފެނާއި ކަރަންޓް ބިލަށް ބޮޑު ލުޔެއް ދެނީ

ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް "ކެޕް" ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގަވައިފިއެވެ.
ރައީސް ޑރ. މުއިއްޒު، ރ. އަތޮޅަަށާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އޭދަފުއްޓަށް ވަޑައިގެން ރޭ ބޭއްވެވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ރައްޔިތުންނަށް ފަސޭހަވެ، ލުއި ވާނެ ކަންތައްތަކެއް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަމަޟާން މަހަކީ އާންމުކޮށް ކަރަންޓު ބިލާއި ފެން ބިލް ބޮޑުވާ މަހެއް ކަމުން އެކަމުގައި ލުއި ގޮތެއް ހޯދައި ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރޯދަ މަހު ކަރަންޓާއި ފެން ބިލް ބޮޑު ވާ ނަމަ، އެކަމުގެ ތަކްލީފް ރައްޔިތުން ވަރަށް ބޮޑަށް އުފުލަން ޖެހެއެވެ.
"މިފަހަރު އެހެނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓްގައި ކެޕްކޮށްފައި، މާނައަކީ އެއަށް ވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،" ރައީސް ވިދާޅުވިއެވެ.
ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލް ބޮޑުނުވާ ގޮތަށް ހެދުމަށް ފެނަކަ އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ވެރިންނަށް އަންގަވާފައިވާނެ ކަމަށާއި ކުންފުނިތަކުގެ ވެރިން އެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ފެން ބިލް ވެސް އާންމު މަހެއްގައި ހުންނަ ވަރަށް ކިތަންމެ ލޯޑް ބޮޑުވިޔަސް އިތުރަކަށް ނުނަގާނަން ރައްޔިތުންގެ އަތުން އެއްޗެއް، ކަރަންޓު ބިލް ވެސް. އެއީ ވެސް ރައްޔިތުންނަށް ލުޔެއް ދޭން ވެގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްޓެލްކޯ އިން ހައެއްކަ ރަށުގައި ފެނުގެ ހިދުމަތް ދެމުން އަންނަ އިރު، އެ ރަށްތަކުން މިހާތަނަށް 30ރ. ގެ ޗާޖެއް ނެގި ނަމަވެސް އަންނަ މަހުން ފެށިގެން އެ ޗާޖު ވެސް އުވާލައްވާނެ ކަމަށެވެ.
ރައީސް ވަނީ ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި 10 ކިލޯގެ ހަނޑޫ ބަސްތާއެއް ދިނުމަށް ނިންމަވައިފައެވެ. ކައުންސިލްތަކުން ކަރަންޓު ބިލް ދައްކާ އިރުގައި މިސްކިތްތަކަށް ސަރުކާރު ރޭޓްގައި ޗާޖް ކުރަމުންދާތީ މި މަހުން ފެށިގެން ޑޮމެސްޓިކް ރޭޓްގައި ޗާޖް ކުރާ ގޮތަށް ރައީސް ވަނީ ނިންމަވައިފައެވެ. އަދި އަންނަ އޭޕްރީލް މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އުވާލަން ނިންމެވި ކަން އިއްޔެ އިއުލާން ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ