އިންޑިއާ ސިފައިން ބޭލުމުން ރައީސަށް ޝުކުރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްކޮށް ބޭލުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝެއިހް އަހުމަދު ސަމީރު ޝުކުރު އަދާކުރައްވައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް އިއްތޔެ ދިއުމާ ގުޅިގެން، ސަލަފަ ޖަމިއްޔާ އަށް ނިސްބަތްވާ ސަމީރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގައި ރައީސް ގެންގުޅުއްވި ޙިކުމަތުޢަމަލީ އަަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ރާއްޖޭގައި ތިބި އުތުރުކަރައިގެ ޢަސްކަރީން ރާއްޖެ އިން ބޭލުމީ ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މުވާޠިނަކު ޝުކުރުވެރިވުން ޙައްޤު ކަމެއް." އޭނަ ވިދާޅުވި އެވެ.
ރާއްޖެ އިން އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު އިއްޔެ ފުރިހަމަވެގެން ދިޔަ އިރު، ސަރުކާރުން ބުނެފައި ވަނީ މި މަހުގެ 10 ގެ ފަހުން ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަަމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް ދިޔައީ މާޗް މަހުގެ ތެރޭގަ އެވެ. އަދި ދެވަނަ ބެޗް ދިޔައީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ 88 ސިފައިން ރާއްޖޭގައި ތިބި ކަމަށެވެ. މި ސިފައިންނަކީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނާއި މެއިންޓަނަންސަށް ތިބި މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ