ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބަކަށް ވާންޖެހޭ: ޑރ.ހައިދަރު

ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބަކަށް ވާންޖެހޭކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ދިފާއުގައި އދ. އާންމު މަޖިލީހުގައި ދިވެހި ރާއްޖޭގެ ފަރާތުން ވަޒީރު ހައިދަރު އިއްވެވި ބަޔާނަށް ތަރުހީބުދެއްވައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގައި ވަޒީރަށް މަރުޙަބާ ކިޔުމަށް އެ ވުޒާރާގެ މުއައްޒަފުން ބޭއްވި ހަރަކާތުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދިން އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ ވިދާޅުވީ،ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުޞަތު ދެއްވީތީ ޚާރިޖީ ވުޒާރާއަށް ޝުކުރު އަދާކުރާ ކަމަށެވެ.
ވަޒީރު ހައިދަރު ވިދާޅުވީ،  އެ ބަޔާން ދެއްވުމަށް ދެއްވި ދައުވަތު ގަބޫލުކުރެއްވީ ވެސް ފަލަސްތީނުގެ ދިފާއުގައި ވާހަކަދެއްކުމަކީ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް ކަމުގައި ދެކިގެން ކަމަށާއި ފަލަސްތީނުގެ ދިފާއުގައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބަކަށް ވާން ޖެހޭ ކަމަށެވެ.
ފަލަސްތީނުގެ ދިފާއުގައި ދިވެހި ސަރުކާރުގެ ފަރާތުން އދ ގެ އާއްމު މަޖިލީހުގައި އިއްވި ބަޔާން އިސްރާއީލުގެ މަންދޫބުގެ ފަހުން އިއްވަން ލިބުމަކީ ލިބިވަޑައިގެންނެވި އިތުރު ބާރެއް ކަމަށާއި، އެބޭފުޅާގެ ވާހަކައިގައި ނެރެވުނު ޖަޒުބާތާއި އަސަރު ނެރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ އެ ސަބަބު ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވާހަކައިގައި އަޅުގަނޑަށް އެ ނެރެވުނު ޖަޒުބާތާއި އަސަރު ނެރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ އަޅުގަނޑަށް އިސްރާއީލުގެ މަންދޫބަށްފަހު ވާހަކަދައްކަން ޖެހުނީމަ"
ވަޒީރު ހައިދަރު ވިދާޅުވިއެވެ.
އދ ގެ އާއްމު މަޖިލީހުގައި ވަޒީރު ހައިދަރު ވަނީ އެންމެ ވޯޓެއްގެ ސަބަބުން ފަލަސްތީނަށް އިންސާފު ލިބުން ހުއްޓުވުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެ އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ވެސް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ