ޙައްޖުމަހަށްފަހު ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ

މިއަހަރުގެ ޙައްޖު މަހަށްފަހު ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިކަން ހާމާކުރެއްވީ އެ ވުޒާރާގެ މަސައްކަތްތައް މީޑިއާތަކާއި ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޝަހީމް ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅިވިނަމަވެސް ބޭނުންކުރާތާ ގިނަ ދުވަސްވެފައިވާކަމަށެވެ. އަދި މިސްކިތުގެ ފިނިކުރާ ނިޒާމް ބަލަހައްޓަން ޖެހޭ ވަރަށް ބަލަހައްޓާފައި ނެތުމުން މަރާމާތުކުރަން ޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ މިސްކިތުގެ ފިނިކުރާ ނިޒާމުގެ މައްސަލަ ހައްލުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށާއި ބަޖެޓު ހޯދުމުގެ ކަންކަން މިހާރު ސަރުކާރުން ކުރަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށްފަހު ފިނިކުރާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި ބަޔަކާ ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"މި ސިސްޓަމް ރަނގަޅުކުރުމުގެ މަސައްކަތް މީގެ ކުރިންވެސް އެބަހުރި ބޭރުގެ ފަރާތްތަކަކާއެކު ކޮށްފައި. އެއީ ތުރުކީގެ އެތަން ހެދިއިރުވެސް ސިސްޓަމް ބެލެހެއްޓި ފަރާތްކަމުގައި މައުލޫމާތު ލިބިފައިއޮތީ. އަޅުގަނޑަށް އެންމެ ފަހުން މައުލުމާތު ލިބުނު ގޮތުގައި ރާއްޖޭގައި ވެސް އެބަތިބި މި ސިސްޓަމް ބެލެހެއްޓޭނެ ފެންވަރުގެ މީހުން. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ ދިވެހިންނާ ހަވާލުކޮށްގެން މިކަންކަން ކުރިއަށްގެންދަން." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މަރާމާތުގެ މަސައްކަތްތަކަށްފަހު ޙައްޖު މަހުގެ ފަހުން ރަސްމީކޮށް ސަލްމާން މިސްކިތް ހުޅުވޭނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތަށް ސައުދިއަރަބިއްޔާގެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަލްމާން މިސްކިތުގެ މަސައްކަތް 2020 ވަނަ އަހަރު އެއްކޮށް ނިންމާލުމަށްފަހު ބޭނުންކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. ނަމަވެސް މިހާތަނަށް އެ މިސްކިތް ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ