މާލެ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމް މިހާތަނަށް ހުށަހަޅައިފި

އަތޮޅު ތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމް ހުށަހަޅާފައިވާ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ވަނީ ދިރާސީ އައު އަހަރަށް މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމް ހުށަހަޅާފައިވާ ގޮތުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން:
މާލެ ސަރަހައްދުގެ ސަރުކާރުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވެއްދުމަށް 2290 ފޯމް ހުށަހަޅާފައިވޭ
ގްރޭޑް އެކެއް ފިޔަވާ އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމް ހުށަހަޅާފައިވޭ
އަތޮޅު ތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމް ހުށަހަޅާފައިވޭ
މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 660 ފޯމް ހުށަހަޅާފައިވޭ
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތައް ބަންދުވެ، މަސް ދުވަހަށް ވުރެ ބޮޑު ޗުއްޓީއަކަށް ދިޔައީ އޭޕްރިލް 30 ވަނަ ދުވަހުއެވެ.
ބޮޑު ޗުއްޓީއަށް ފަހު ދިރާސާ އާ އަަހަރުގެ ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، އެ އަހަރުގެ ކިޔެވުން ނިމޭނީ މާރިޗް 6ގައި ކަމަށް ބުނެފައި ވެއެވެ.
މިހާރު ގެނެސްފައިވާ ބަދަލާއެކު 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރިލް ހަ ވަނަ ދުވަހެވެ.
އަންނަ އަހަރުގެ ރޯދަ މަސް ފެބްރުއަރީ 28ގައި ފެށޭއިރު، ސްކޫލް ބޮޑު ޗުއްޓީ ދެން ލިބޭނީ ރޯދަ މަހުގައި ކަމަށް އާ އެކަޑަމިކް ކަލަންޑަރުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ