ސަލްމާން މިސްކިތުގެ ފިނިކުރުމުގެ ނިޒާމްގެ މާރާމާތަށް ހަ މިލިއަން ރުފިޔާ ބޭނުންވޭ: ޝަހީމް

ކިންގް ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކުރަން މި ވަގުތަށް ހަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެ، އެކަމުގެ ސަބަބުން މިސްކިތް ހޫނުކަމަށް ބުނެ އާންމުން އަންނަނީ ޝަކުވާ ކުރަމުންނެވެ.މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެ ގޮތްތަކެއް ސަރުކާރުން ރާވަމުން އަންނަ ކަމަށެވެ.'ކުރިން ވެސް އޭސީ މަރާމާތުކުރަން މަސައްކަތްކޮށްފައި ހުރި. އެހެން ނަމަވެސް އެތާގެ ސިސްޓަމްތަކުގެ ގޮތުން ބަލަހައްޓަން ޖެހޭ މިންވަރަށް ނުބެލެހެއްޓުމުގެ ސަބަބުން ނުވަތަ މަރާމާތު ނުކުރެވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.ކިންގް ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި ޖުމްލަ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ފަސް ސެމިނާ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއެއް ވަނީ ގާއިމު ކޮށްފައެވެ. ހަތަރުވަނަ ފަންގިފިލާއަކީ ސެމިނާ ތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ހާއްސަ އޮޑިޓޯރިއަމެކެވެ. މިސްކިތުގެ ފަސްވަނަ ފަންގިފިލާ ތަރައްޤީ ކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހޯލެއްގެ ގޮތަށެވެ. ކިންގް ސަލްމާން މިސްކިތް ބޭނުންކުރަން ފެށިތާ ތިން އަހަރު ވެގެން ދިޔަސް އެ މިސްކިތް ރަސްމީކޮށް އަދި ނުހުޅުވަ އެވެ. އެހެންވެ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އީދު ފަހުން ސައުދީގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެން އެ މިސްކިތް ހުޅުވުމަށެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމީކޮށް މިސްކިތް ހުޅުވުމަށް ކުރަންޖެހޭ ކަންކަން ވަރަށް ގިނަ އެވެ. އެގޮތުން، ބައެއް ދޮރުތައް މަރާމާތުކުރުމާ އެކު، ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.އޭގެ ކުރިން ވެސް ރާއްޖެއަށް މިއީ، ހޫނު ގަދަ ދުވަސް ވަރަކަށް ވާތީ އޭސީ ސިސްޓަމަކީ މިހާރު ވެސް ހައްލުކުރަން ޖެހޭ މައްސަލައެއްކަން ޝަހީމް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ