ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއަށް 4.5 ބިލިއަން ރުފިޔާ

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ މީގެ ކުރީ ކުރާޓަރާ އަޅާ ބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ.އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ވަނީ އެ ކުންފުނީގެ ވެބްސައިޓްގައި ޢާއްމުކޮށްފައެވެ.އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިއްކާފައިވާ ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުމެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 617 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފަ އެވެ.މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.ޓެކުހަށް ކެނޑުމުގެ ކުރިން އަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 46 އިންސައްތައިގެ ކުރިއެރުމެކެވެ.މީގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންދާ ވިޔަފާރިތައް ރަނގަޅު ކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމާއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ. ޓެކުހަށް ކެނޑުމަށްފަހު ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 195 މިލިއަން ރުފިޔާ ލިބިފަ އެވެ. އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ