ޗިކުންގުންޔާގެ ކޭސްތައް އިތުރުވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަަމަކަށްވާތީ، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
މިދުވަސްވަރު ރާއްޖޭގައި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދުއަންނަނީ އިތުރުވަމުންނެވެ. އަދި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ބައްޔަށް 134 މީހަކު ޕޮޒިޓީވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ އާމިނަތު އަރޫޝާ ވިދާޅުވީ ޗިކުންގުންޔާ ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފަށާފައި މިވަނީ އޭޕްރީލްމަހާއި ހަމައަށް އެ ބަލީގެ އެއްވެސް ކޭސްއެއް ނުފެނި އޮތުމަށްފަހުކަމަށެވެ.
އަރޫޝާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މި ބަލި އިތުރުވާނީ ވަކި ދުވަސްވަރެއްގައިކަމަށް ދަންނަވަން ނޭގޭކަމަށާއި ނަމަވެސް ޗިކުންގުންޔާގެ ކޭސްތައް އާންމުގޮތެއްގައި ގިނަވަނީ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހާ ދެމެދުގައިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވިއްސާރައާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ބަލިޖެހޭ މިންވަރު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށްވެސް އަރޫޝާ ވިދާޅުވިއެވެ.
އަރޫޝާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ކޭސްއެއް ރިޕޯޓްނުކޮށް އޮތުމަށްފަހު އޭޕްރީލްމަހު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
"ކޮންމެ 3 އަހަރަކުން މި ބަލި ޖެހޭ މިންވަރު އިތުރުވޭ. މާލެއާ އަޅާބަލާފައި އަތޮޅުތެރެއިން ކޭސްތައް ފެނިފައިވާ ވަރު މަދުވިއްސާރަ ދުވަސްވަރު މި މަބަލި އިތުރުވަނީ. އެންމެ ގިނައިން މިބަލިޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރު. އެއަހަރު 1400އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވޭ." އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ އާމިނަތު އަރޫޝާ ވިދާޅުވިއެވެ.
އަރޫޝާ ވިދާޅުވީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އަތޮޅުތެރޭގައިވެސް ކައުންސިލްތަކާއި ކަމާގުޅުން ހުރި ފަރާތްތައް ގުޅިގެން މަދިރި އަލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުންގެންދާނެކަމަށްވެސް އަރޫޝާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ބައްޔަށް އާންމުންގެ ހޭލުތުންތެރިކަން އިތުރުކުރުމަށް، ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށްވެސް އަރޫޝާ ވިދާޅުވިއެވެ.
ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި، ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވުމުންވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ.
މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3 ދުވަހާއި 7 ދުވަހުގެ ތެރޭގައެވެ. މިހާތަނަށް ބަލިޖެހިފައިވާ މީހުންގެ ތެރެއިން ގިނައީ އުމުރުން 25 އަހަރުން މަތީގެ މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ