ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި އޭނާގެ ގާތިލު މުހައްމަދު ސަމާހު މަރަން ކުރި ހުކުމުގެ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ޖުލައި، 2012 ގައި އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް އޭނާއަށް މަގުމަތީގައި ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރު ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓީ 2020 ވަނަ އަހަރު އެވެ.
އެ މައްސަލަ ސަމާހުގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ. އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައި ތިބި ތިން މީހަކު މިހާރު ތިއްބަސް، އެ މީހުންގެ އަދަބެއް ތަންފީޒެއް ނުކުރެ އެވެ. އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކުރީ 1953 ވަނަ އަހަރެވެ.
ގާތިލް ސަމާހު މަރަން ހުކުމްކުރި މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ