ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކާ މީހުން ގޮވައިގެން ކޯޓަށް ދަނީ

އެކި ކުށްތަކުގެ ދައުވާލިބި ދައުވާތައް ސާބިތުވެފައިވާ ފަރާތްތަކުގެ ތެރެއިން އަދަބެއްގެ ގޮތުން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭ ބައެއް ފަރާތްތަކުން ބަރާބަރަށް ފައިސާ ދައްކަމުން ނުދާތީ، އެ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ޕީޖީ އޮފީހުން ބުނީ، އެ މަސައްކަތް ކުރަމުން ދާނީ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭ މައުލޫމާތު، ޓެކުހާ ބެހޭ އިދާރާ މީރާ އިން ހޯދުމަށް ފަހުގައި ކަމަށެވެ.
މިހާރު ވެސް ކޯޓުތަކުން ކުރި ހުކުމްތަކާ އެއްގޮތަށް ޖޫރިމަނާ ފައިސާ ދައްކަން ޖެހޭ މީހުންގެ ތެރެއިން ބައެއް މީހުން ނުދައްކާ ކަން ފާހަގަކުރެވިފައިވާ ކަމަށް، ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި ކޯޓަށް އަންގަން، ސުޕްރީމް ކޯޓުން ނެރެފައިވާ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ން އެ އިދާރާގެ މައްޗަށް ލާޒިމްކުރެއެވެ.
އެ އުސޫލުގެ ދަށުން މައްސަލަ ހުށަހެޅުމުން، އެފަދަ މީހުންގެ މައްޗަށް ޖަލު އަދަބު، ނުވަތަ ޖޫރިމަނާކުރުމަށް ވުރެ ބޮޑު އަދަބެއް ފަނޑިޔާރުންނަށް ކަނޑައެޅޭނެ ކަމަށް ވެސް، ޕީޖީ އޮފީހުން ބުންޏެވެ.
ގާނޫނުލްއުގޫބާތު މިހާރު އޮންނަ ގޮތުން، އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ޖަލު ހުކުމް ޖޫރިމަނާ އަށް ބަދަލުކޮށް ލުއިތައް ދީފައިވީ ނަމަވެސް، ބައެއް މީހުން އަދިވެސް ޖޫރިމަނާ ފައިސާ ދައްކަމުން ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ