ވިޔަފާރިއަށް ދަތިކޮށް ސަރުކާރުން ވަނީ ގާސިމް ޕެރަލައިޒްކޮށްލާފައި: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ، މި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައި އިގްތިސާދީ ގޮތުން ޕެރަލައިޒް ކޮށްލާފައި ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރާ އިދިކޮޅު އިއްތިހާދުން ސޯލްޓް ރެސްޓޯރަންޓްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގާސިމް އެ ހަރަކާތްތަކުން ނުފެންނަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން އަމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަރަކާތްތަކުގައި ބައިވެރި ނުވެވެނީ ޖަލަށް ލާފައި ވާތީ ކަމަށާއި ގާސިމް އިބްރާހިމް އަށް ހެދި ގޮތަކީ އެކި ބިރުތައް ދައްކައިގެން އެ މަނިކުފާނު ވެސް ކުޑަގޮޅިއަކަށް ފައްތާލީ ކަމަށެވެ. އަދި އިގްތިސާދީ ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްގެ ވިޔަފާރިތައް ހަލާކުކޮށްލައި އެކައުންޓްތައް ފްރީޒް ކުރާ ހިސާބަށް ދިޔުމުން އެމަނިކުފާނަށް ހަރަކާތްތަކަށް ނިކުމެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"އިގްތިސާދީ ގޮތުން ޕެރަލައިޒްކޮށްލީމާ ދެން ކިހިނެތްތޯ އެ މަނިކުފާނު ނިކުންނަވާނީ. އެހެން އެމަނިކުފާނަށް އެ ހުންނެވީ ހައްދަވާފައި. އެކަމަކު އަޅުގަނޑަށް ޔަގީން ރޫހީ ގޮތުން އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެކަން. އެންމެ ބޮޑަށް އުފާވެ ވަޑައިގަންނަވާނެ ބޭފުޅަކީ ވެސް ހަމަ ޔަގީން އެމަނިކުފާނު. އެކަމަކު އެ މަނިކުފާނު ވެސް އެ ހުރީ ކަނަކަށް ފިއްތާލާފައި،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ގާސިމާ މެދު ސަރުކާރުން ދައްކާފައިވާ ބިރުން އެމަނިކުފާނު މަގުމައްޗަށް ނިކުންނާނެ ހިތްވަރެއް މިހާރު ނެތް ކަމަށެވެ. އަދި ފަރުދީ ހައިސިއްޔަތުން ވެސް ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވާން ޖެހުނީ އަމީން ވިދާޅުވި ގޮތުގައި، ގާސިމަށް ވެސް ޖެހިފައިވާ ހާލަތުން އެމަނިކުފާނު ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ގާސިމްގެ ވިޔަފާރިތަކަށް ވެސް ސަރުކާރުން ތަފާތު ކުރާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. މިއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ވިދާޅުވި އެވެ. އަމީން ވިދާޅުވި ގޮތުގައި ސަރުކާރުން ގެންދަނީ އިދިކޮޅުވާ ވިޔަފާރިވެރިންނަށް ދަތިކޮށް އެ މީހުން ފިއްތަމުން ކަމަށެވެ.
"އެތައް ރަށެއް އެބަހުރި ނަގާފައި ރިސޯޓް ނުހަދާ. އެކަމަކު ގާސިމަށް މިޖެހެނީ 100 މިލިއަން ޑޮލަރު ދައްކަން. މިއީ ކޮން އިންސާފެއްތޯ. ވިޔަފާރިވެރިންނަށް މި އަންނަނީ އެކި ގޮތަށް އަމަލު ކުރަމުން. އިގްތިސާދެއް ކުރިއަރުވަން އުޅޭ ބަޔަކު މިގޮތަށް އަމަލެއް ނުކުރާނެ،" އަމީން ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ، ގާސިމް ޖަލަށް ނުލިއެއް ކަމަކު އެމަނިކުފާނު ހުންނެވީ ހަމަ ވައްތަރަކަށް ޖަލަށް ލާފައި ކަމަށެވެ. އަދި އެކި ބިރުތަކާއި ނުފޫޒުން އެމަނިކުފާނުގެ އަތްފައި ބަދެލާފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ކޮންމެ މީހަކަށް އަނިޔާ ލިބުނަސް އެ ހަރަކާތުން އެ މީހެއްގެ ހައްގުގައި ތެދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ